ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް ދޫކުރައްވައި ވަޑައިގެންނެވި މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމާއެކު، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި ދެން ތިއްބެވި 10 މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވިކަން ވަނީ ލިޔުމުން އެ ޕާޓީއަށް އަންގަވާފައި ވަނިކޮށެެވެ.
އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލައި، މެމްބަރަކު ވަކިވަންޏާ ވަކިވާނީ އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ވަކިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ހިސާބުން ކަމަށެވެ. ހުކުމުގެ ކުރިން އެ މެމްބަރުން ވަނީ ޕާޓީން ވަކިވުމަށް ސިޓީ ހުށަހަޅާފައި ވިއަސް ނިހާން ތަކުރާރުކޮށް ވިދާޅުވީ ޕާޓީން މެމްބަރުން ވަކިވާނީ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ ލިބުނީމަ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރަކު ވަކިކުރެވޭނީ އެއީ ކޮންމެ އިރަކު ފޮނުވި ސިޓީއަކަށްވިއަސް އެގެނެސްދޭ ޖަވާބު ލިބުނީމަ،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ މައްސަލަ ބަލާދިނުމަށް ސުލޫކީ ކޮމެޓީއަށް އޭނާ ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ ސިޓީގެ ޖަވާބު ސުލީކީ ކޮމެޓީން އޭނާއަށް ދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މީގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ވިދާޅުވަމުންނެވެ