ޕީޕީއެމުން 4 މެންބަރަކު ޕާޓީން ވަކިކުރެއްވި ނަމަވެސް އެ މެންބަރުންގެ މަޖިލިސްގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެކަން ސުޕްރީމް ކޯޓުން އެންމެފަހުން ނެރުނު އަމުރުންވެސް ކަށަވަރުވާކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި ބޭއްވި ބައްދަލުވުމަށް ފަހު ރައީސް މައުމޫން މިހެން ވިދާޅުވީ، ޕީޕީއެމްގެ ހަތަރު މެމްބަރަކު ޕާޓީން ވަކިކޮށްފައިވާއިރު، އެ މެމްބަރުންގެ މަޖިލިސްގެ ގޮނޑި ވެސް ގެއްލިގެންދާނެ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒްގައި ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމުން މެންބަރުންތަކެއް ވަކިކުރެއްވިނަމަވެސް ކުރިން ހިނގާފައިވާ ކަމަކާ ގުޅޭގޮތުން އެފަދަ ފިޔަވަޅެއް އެޅިއަސް ގޮނޑި ނުގެއްލޭނެކަން ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބަޔާންކޮށްފައި ކަމަށާއި އެއަމުރާ ދެކޮޅަށް އެއްވެސް މީހަކަށް ޢަމަލް ނުކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމުން އެމެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ބުނާނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއިން އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ.
" އެންމެ ފުރަތަމަ ދަންނަވާލަން ޖެހެނީ އެބޭފުޅުންގެ ގޮނޑިއެއް ނުގެއްލޭނެޔޭ. އެއީ ހަމަ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް އެވިދާޅުވި އެއްޗެއް ވިދާޅުވި ބޭފުޅަކު ވިދާޅުވި އެއްޗެއް. އެއީ ޤާނޫނުގައި ވަރަށް ރީތިކޮށް އެބަބުނޭ ސުލޫކީ މައްސަލައެއްގައި ޕާޓީން ވަކިވިކަމުގައި ވިއަސް އެބޭފުޅަކު އެބޭފުޅުންގެ މަޤާމުން، އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެކަން ކަނޑައެޅިގެން ޤާނޫނުގައި ބުނެފައި އެބައޮތް. އަނެއްކާ މިއަށް ހުރުމަތްތެރިކޮށް ހިތުމަށް ސުޕްރީމް ކޯޓުން ފަހުން ނެރުއްވި އަމުރުގައިވެސް އެބައޮތް. މިއިން އިސްތިސްނާއެއް ނުވާނެޔޭ. މާނައަކީ މިއަށް ޢަމަލްކުރަން ޖެހޭނެޔޭ. އެހެންވެ އަދި ޕާޓީން ވަކިކުރިއަސް މެންބަރުކަމެއް ނުގެއްލޭނެ" ޕީޕީއެމުން 4 މެންބަރަކު ވަކިކުރިވަކިކުރުމާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މަސީހާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ އެގޮތުގައި އޮންނާނެ ކަމަށާއި މަޖިލީހުގައި އެވޯޓް ނެގޭނެ ކަމަށެވެ. އަދި އެވޯޓް ކާމިޔާބު ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށާއި އަޅުގަނޑުމެންވެސް ޖަވާބުގައި ކަންކަން ކުރައްވާނެ ކަމަށެވެ.