އަތޮޅުތެރޭގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީގައި ކުނި މެނޭޖްކުރުމަށް ޚާއްސަ ސްޓޭޝަނެއް ގާއިމްކުރެވޭނެ ކަމަށް ވެމްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝާން ވިދާޅުވީ ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށްދާ ކަމަށެވެ. ކުޅުދުއްފުށީގައި ވެސް އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި ޝާން ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ސްޓޭޝަނެއް ގާއިމްކުރެވޭނެ ކަމަށެވެ.
ޝާން ވިދާޅުވީ ރާއްޖޭގައި ހުރިހާ ހިސާބެއްގައި ވެސް ކުނި އުފެދޭ މިންވަރު އުންމީދު ނުކުރާ ވަރަށް ގިނަ ކަމަށެވެ. އެގޮތުން މާލެސިޓީން އެކަނި ވެސް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 800 ނުވަތަ 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ޝާން ވިދާޅުވީ ކުނި މަދުކޮށް، ކުނި ރީ-ޔޫސް ކުރެވޭ މޮޑެލްތައް އެނގެން ޖެހޭ ކަމަށާއި، އެގޮތްތައް ހޯދަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ޝާން ވިދާޅުވީ ކުނި ރަނގަޅުގޮތުގައި މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތުގައި، އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ކުނި ވަކިކުރުމާއި، ކުނި މަދުކުރުމާއި، ކުނި ރީ-ޔޫސް ކުރުމާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޒޯން-2 ގައި ނ،ރ،ބ،ޅ ގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ނަތިޖާ މިހާރު ފެންނަމުންދާ ކަމަށް ޝާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި މިޕްރޮގްރާމް އިތުރަށް ފުޅާކުރާނެ ކަމަށެވެ.
އޭގެ އިތުރުން ޒޯން ނ،ރ،ބ،ޅ އެއަތޮޅުތަކަށް ސަރވިސް ޕްރޮވައިޑްކޮށްދެނީ ރ. އަތޮޅު ވަންދޫ. ވަންދޫގެ ފެސިލިޓީގައި ކުނި މެނޭޖްކުރަމުން މިދަނީ. އެތަނަކީ ވޭސްޓް އެނާޖީ މޮޑެލެއް ގާއިމްުރެވިފައި އިންތަނެއް. ދެން ހަމަ އައްޑޫ އަތޮޅުގައި ވޭސްޓް އެނާޖީ މޮޑެލްއެއް އެކޮޅުގައި އިންނާނެ. އެކޮޅުން އެ ފެސިލިޓީއަށް ފުވައްމުލަކު ފެސިލިޓީންނާއި ހުޅުމީޅޫ ފެސިލިޓީންނާއި ކުނި އެކޮޅަށް ގެންދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެސިލިޓީތައް ގާއިމްކޮށްގެން ބިނާކުރަނިވި ގޮތަކަށް ކުނިން މަންފާއެއް ނެގޭ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންވެގެން މިދަނީވެމްކޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާން
ވެމްކޯގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އަހުމަދު އާޒިމް ވިދާޅުވީ ކުނިމެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށެވެ. މިހާރު ދިމާވާ ބައެއް ދަތިތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ޒަމާނީ މޮޅެތި ވެހިކަލްތައް ގެނައި ނަމަވެސް ފަރުދީ ޒިންމާ ނުނަގާނަމަ އެންމެ ފުރިހަމަ ގޮތުގައި އެމަސައްކަތް ކުރުމަށް ދަތިވާނެ ކަމަށެވެ. މާލެސިޓީއަށް ބަލާއިރު، މަގުތަކުގައި ވެހިކަލްތައް ޕާކު ކޮށްފައި އޮންނަ ގޮތުން ވެމްކޯގެ ވެހިކަލްތައް މާލޭގެ މަގުތަކުގައި ދުށްވުމަކީ ވަރަށް އުދަނގޫ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.