ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިވި ކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރަކު، އަދި ޕީޖީ ގްރޫޕްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ޕާޓީން ވަކިވެފައިވާކަން އަންގާފައިވާ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
މި ހަތަރު މެމްބަރުންގެ ނަން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިއުލާންކޮށްދެއްވީ ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ވަނީ އެނގިފަ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރު ވިދާޅުވި ގޮތުގައި އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލިގެންދާނެ ހާލަތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން، އެ ހުކުމުގެ ކުރިން ކޮށްފައިވާ ކަމަކާ ގުޅިގެން ޕާޓީން ވަކިކުރިޔަސް، ގޮނޑި ގެއްލިގެން ނުދާނެ އެވެ.
ޕީޕީއެމްއިން ވަކިވިކަން ކަނޑައެޅައި ރައީސް ޔާމީން އިއުލާނު ކުރެއްވި ހަތަރު މެމްބަރުންނަކީ ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ބޭފުޅުންނެވެ.
އޭގެތެރެއިން ސައުދު އާއި ވައްޑެ އަދި އަމީތު ވަނީ މީގެ ކުރިން ޕާޓީން ވަކިކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން އެ ބޭފުޅުން ޕާޓީން ވަކިކޮށް ދިނުމަށް އެދިވެސް ސިޓީ ފޮނުވި އެވެ.
މެމްބަރު ލަތީފް ވެސް ވަނީ ޕާޓީން ވަކިވުމަށް ކުރިން ސިޓީ ފޮނުއްވައިފަ އެވެ.