ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 20:40
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުން
އަޒުމޫން އަހުމަދު
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ފާރިސް ހައްޔަރުކުރުން ޕާޓީތަކުން ކުށްވެރިކޮށްފި
ޤާނޫނާއި ގަވާއިދާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ދިވެހި ފުލުހުންނަށް ހަދާންކޮށްދޭ ކަމަށް
ޤާނޫނާއި ހިލާފަށް ފާރިސް ހައްޔަރުކޮށްފައިވަނީ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުމާ ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކަން ކުށްވެރިކޮށްފައިވަނީ އަންގާރަ ދުވަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއް ގައެވެ.

މި ސްޓޭޓްމަންޓުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ ޤާނޫނާއި ހިލާފަށް ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހަފްތާއެއް ވެފައިވަނިކޮށް ކަމަށާއި ފާރިސް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއާއި، ފާރިސް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާ ގުޅޭ ގޮތުން ލިބެންހުރި ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކްރިމިނަލް ކޯޓަށް ފެންނާތީ ކަމަށެވެ. ނަމަވެސް ފާރިސްވަނީ މިހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.

ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން އަމުރު ދީފައިވަނީ ޕޮލިހުންގެ ސިއްރު އިންޓެލިޖަންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށާއި މިކަހަލަ އިންޓެލިޖަންސް ރިޕޯޓްތަކަކީ ފަހަކަށް އައިސް ޤާނޫނާ ހިލާފު އަމުރުތައް ކުރުމަށާއި ސިޔާސީ މަޤްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ ރިޕޯޓްތަކެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިވެހި ފުލުހުންނަށް ޤާނޫނާއި ގަވާއިދާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ހަދާންކޮށްދޭކަމަށާއި މިކަހަލަ އަމުރުތަކަށް ތަބާވާ ފުލުހުންނަށް ކުރިއަށް އަންނަ އޮތް ސަރުކާރަކުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ ބުނެފައެވެ.

މާރިޗް މަހު ސިޔާސީ ހަތަރު ޕާޓީ އެމްޑީޕީ، ޕީޕީއެމް، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުން ރާއްޖޭގެ ސިޔާސީ ހާލަތު ރަގަޅުކުރުމަށް ކޯލިޝަން ހަދާފައިވާކަމަށްވެސް މި ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ.  

ފުލުހުންގެ ޗީފް ސުޕުރިޑެންޓެންޓު  އަދި އޮފަރޭޝަނަލް ޑިޕާޓްމަންޓުގެ ހެޑް އަހްމަދު އަބްދުއް ރަހުމާންއަކީ ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް އަބްދުﷲ ޙަލީލުގެ ޅިޔަނެއް ކަމަށާއި ޙަލީލުއަކީ ރައީސް ޔާމީންއަށް ވަފާދާރު މީހެއްކަމަަށްވެސް ގުޅިފައިވާ ޕާޓީތަކުން ބެނެފައިވެއެވެ.   

- ކޮމެންޓް