Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 18:49
ޤާސިމް އިބްރާހިމް: އެމަނިކުފާނަށް ދަނީ އޭޑިކޭގެ އައިސީޔޫގައި ފަރުވާދެމުން
ޤާސިމް އިބްރާހިމް: އެމަނިކުފާނަށް ދަނީ އޭޑިކޭގެ އައިސީޔޫގައި ފަރުވާދެމުން
އަޒުމޫން އަހުމަދު
ޤާސިމްގެ ސިއްހީ ހާލުކޮޅު
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
ގާސިމް ސެނެހިޔާއަށް ބަދަލު ކުރެވޭ އެއްވެސް ހުއްޖަތެއް ނެތް

ސިއްހީ ހާލަތު ދެރަވެ، އައިސީޔޫގައި އެޑްމިޓްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ސަރުކާރުގެ ބެލުމުގެ ދަށަށް، ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ އެއްވެސް ޖާގައެއް ނެތްކަމަށް އޭނާގެ ޤާނޫނީ ޓީމުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ޤާސިމްއަށް ފަރުވާދެމުންދާއިރު، ސަރުކާރުގެ ބެލުމުގެ ދަށަށް، ދިވެހި އަސްކަރިއްޔާގެ ހަސްފަތާލު، ސެނަހިޔާއަށް ޤާސިމް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ފެތުރިފައިވާ ވާހަކައާއި ގުޅިގެން، ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ޤާސިމްގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ހިސާން ހުސައިން ވިދާޅުވީ، ޤާސިމް އަކީ، ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އެޅޭނެ ހާލަތެއްގައި ހުންނެވި ފަރާތެއް ނޫން ކަމަށެވެ.

"އެމަނިކުފާނު މިހާރު އޮންނެވީ އޭޑީކޭގެ އައިސިޔޫގަ އެޑްމިޓް ކުރައްވާފަ. އަޅުގަނޑުމެން ޤާނޫނީ ވަކީލުންނަކަށް، ނުވިސްނޭ އެކަން ދިވެހި ދައުލަތުގެ ފަރާތުން ކުރައްވާނީ ކިހިނެއް ކަމެއް. މިދެންނެވީ އޭޑީކޭ އައިސީޔޫގަ އެޑްމިޓްކުރައްވާފަ އޮތް ބޭފުޅެއްގެ ވާހަކަ މި ދައްކަނީ. އެބޭފުޅާއަކީ ޖިނާއީ ކުށެއް ސާބިތުވެ ޖަލުހުކުމެއްގައި ހުންނެވި ބޭފުޅެއް ނޫން. ބަންދެއްގަ ހުންނެވި ބޭފުޅެއް ނޫން. ކޯޓަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ނޫން. އެމަނިކުފާނަށް އެންމެ ފަހުން ދުވަހު އޮތް ޝަރީއަތުގެ މަޖިލިސް، ކޯޓުން ވަނީ ކެންސަލް ކޮށްދެއްވާފަ. އެހެންވީމާ މިކަންތައްތައް މިހެން ހުއްޓާ، ކިހިނެއްތޯ އޭޑީކޭ އައިސީޔޫގަ އޮތް މިނިވަން ރައްޔިތެއް، ސަރުކާރުން ބޭނުން ވީތީ، ގެންގޮސް މިލިޓަރީ ހޮސްޕިޓަލެއްގަ އެޑްމިޓްކުރާނީ. ކޯޓް އަމުރެއްގެ ދަށުން އޭޑީކޭން ޑިސްޗާޖް ކުރާނީތޯ، ކޯޓު އަމުރެއްގެ ދަށުން ސެނަހިޔާގަ އެޑްމިޓް ކުރައްވާނީތޯ"

ސަރުކާރުން މިފަދަ ގޮތަކަށް ކަންކުރަން ނިންމާފައިވާކަން ވަކީލުންނަށް އަދި އަންގާފައި ނުވާކަން ފާހަގަކުރައްވައި، ހިސާން ވަނީ، މިފަދަ ހެއްވާ ޒާތުގެ، ޤާނޫނީ ބުރަދަނެއް ނެތް ކަންކަން ކުރައްވަން ދިވެހި ސަރުކާރުން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.

ޤާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލައިގައި ޤާސީމްގެ ވަކީލް އަދި ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ، ޤާސިމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ 626/2017، 627/2017، 628/2017، މި ތިން ގަޒިއްޔާގެ ޝަރީޢަތް ހިންގުމަށްޓަކައިކަމަށެވެ.

ޝަމީމް ވިދާޅުވީ ޤާނޫނީ ގޮތުން ޤާސިމްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ހާލަތެއް ޤާސިމްގެ ފަރާތުން އަދި ދިމާވެފައި ނުވާ ކަމަށާ، އެ އަމުރު ޤާސިމްއަށާއި ޤާސިމްގެ ވަކީލުންނާއި ހަވާލުކުރުމުގައިވެސް ޤަބޫލުނުކުރެވޭފަދަ ކަންތައްތަކެއް ހުރިކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިކަން ޖަސްޓިފައިކުރާ އެއްވެސް ސަބަބެއް، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ހުއްދަކުރާ، ނުވަތަ ނެރެންވާ އެއްވެސް ސަބަބެއް މިވަގުތު އޮތްކަމަކަށް އަޅުގަނޑުމެންނަކަށް ނުއެއް ފެނޭ"

ޤާސިމްގެ ވަކީލުން ވިދާޅުވީ ޜާއްޖެއިން ނުހެދޭ މުހިއްމު ޓެސްޓްތަކެއް ހެދުމަށް ޤާސިމް ރާއްޖެއިން ބޭރަށް ގެންދަން ޖެހިފައިވާ ކަމަށާ، އެކަމަށް ޑޮކްޓަރުންވެސް ބާރުއަޅަމުންދާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ހުރިހާ ލިޔެކިޔުމެއް، ކޯޓުތައްވެސް ހިމެނޭގޮތަށް، ކަމާއިބެހޭ ހުރިހާ ފަރާތްތަކާއި ހިއްސާކުރަމުންދާކަން ޤާސިމްގެ ލޯޔަރުން ފާހަގަކުރެއްވިއެވެ. ޤާސިމްއަށް އައިސީޔޫގައި ފަރުވާދެމުންދާއިރު ޤާސިމްގެ ހާލު އަދިވެސް ސީރިއަސް ކަމަށް ވަކީލުން ވަނީ ހާމަ ކުރައްވާފައެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި ޚިލާފަށް ސަރުކާރުން ޤާސިމްގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންދާއިރު، ޤާސިމްއަކީ އެމަނިކުފާނުގެ އެހީގައި ދިވެހި އެތައް ހާސް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި، އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް