ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެޕާޓީއަކުން ކެނޑެން ސިޓީ ފޮނުވާ ހިސާބުން އެޕާޓީއަކުން އެމީހާ ކެނޑުނީ ކަމަށާއި ޕީޕީއެމުން ކިތައްމެ ވަރަކަށް އެނޫން ގޮތަކަށް ހަދަން އުޅުނަސް އެނޫން ގޮތަކަށް ނުހެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް "މުސްތަޝާރު ފެކްޝަނުން" އިންޒާރު ދެމުން ދިޔަ ނަމަވެސް އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ. އަދި އެއިން ގޮނޑިއެއް ގެއްލިއްޖެ ނަމަ އެކަން ދިފާއު ވެސް ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުތައް ބުނާ ގޮތުން އެޕާޓީއަކުން ވަކިވުމަށް އެދި ހުށަހަޅާތަނުން އެމެންބަރަކު އެޕާޓީއަކުން ވަކިވީ ކަމަށާއި ޕީޕީއެމްގެ އަސާސީ ޤަވާއިދަށް ބެލި ނަމަވެސް އެކަނ އޮންނާނީ އެހެންކަމަށެވެ.
އިންތި ވަނީ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު އިސްތިއުފާގެ ސިޓީ ފޮނުއްވުމުން އެމަޤާމުން ވަކިވާއިރު ޕީޕީއެމުން ވަކިވާން ސިޓީ ފޮނުއްވި ނަމަވެސް ވަކިނުވާނެ ކަމަށް ބުނަނީ ޤަނޫނީ ކޮން ހަމައަކުންތޯ ސުވާލު އުފައްދަވާފައެވެ.
"ޕީޕީއެމްގެ އަސާސީ ޤަވާއިދު ރަނގަޅަށް ބެއްލެވީމަ އެނގިވަޑައިގަންނަވާނެ. މީހަކު ޕާޓީން ވަކިވާން ސިޓީ ލިޔާހިނދު ޕާޓީން ވަކިވީ. ދެން އިތުރުު ހުއްޖަތެއް ޤާނޫނީ ހަމަތަކެއް ދައްކަން ކޮންކަމެއްތޯ. އެއީ ވަކިވެފައި އެވަނީ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ރައީސުލްޖުމްހޫރިއްޔާ ކަމުން ކެނޑެވޭ އަމިއްލައަށް އެދުނީމާ. ޕީޕީއެމަކުން ނުކެނޑެވޭ ޕީޕީއެމް މެންބަރަކު. މިއީ އަޖައިބެއް ކަހަލަ ހަމައެއް ނޫންތޯ،" އިންތި ވިދާޅުވިއެވެ.
ދާދިފަހުން ރައީސް ޔާމީން ބޭއްވި ޕްރެސް ކޮންފަރެންސްއަކަށް އިޝާރާތް ކުރައްވާ އިންތި ވިދާޅުވީ ދާދިފަހުން ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ވަނީ ގިނަ ކަންތައްތަކަކަށް އެއްބަސްވެ ވަޑައިގަންނަވާފައި ކަމަށާއި އެޕްރެސްކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުން ދިވެހި ރައްޔިތުން ލަދުން ބޯހަލާކުވާވަރުވާ ކަމަށެވެ.