Advertisement
ކ. މާލެ
|
18 ޖުލައި 2017 | އަންގާރަ 00:17
ޕީޕީއެމްގެ ޕީޖީ ގުރޫޕް: މުޅި ގުރޫޕް ތެރޭގައި ވަނީ މައްސަލަ އުފެދިފައި
ޕީޕީއެމްގެ ޕީޖީ ގުރޫޕް: މުޅި ގުރޫޕް ތެރޭގައި ވަނީ މައްސަލަ އުފެދިފައި
ޓްވިޓަރ
މަސީހްގެ އިތުބާރު ވޯޓު
މުހުލަތު ހަމަވިއިރު އެއްވެސް މެންބަރަކު ސޮއެއް ނުނަގާ
ޕީޕީއެމުން ފޮނުވި ސިޓީއާވެސް ބައެއް މެންބަރުން ހަވާލުވެސް ނުވޭ:އިލްހާމް
އަނދަގޮނޑިޖަހައި ބުރިން ހަންނެގިޔަސް ވޯޓް ދޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް:މުހަންމާ
ސޮއި އަނބުރާ ނުނަންގަވާނެ ކަމަށާއި ކިތަންމެ ބިރު ދެއްކިޔަސް ވޯޓް ދޭނީ މަސީހާއި ދެކޮޅަށް: މުސްތަފާ
ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް އެނބުރި ބަދަލު ނުވާނަން: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި އަނބުރާ ނެންގެވުމަށް އެޕާޓީން ދިން މުޚުލަތު ހޯމަދުވަހުގެރޭ 12:00 އަށް ހަމަވިއިރު އެއްވެސް މެންބަރަކު ސޮއިި އަނބުރާ ނުނަންގަވާކަން ހާމަވެއްޖެއެވެ.

މަސީހު ބޭރުކުރުމަށް ސޮއިކުރެއްވި ޕީޕީއެމްގެ ބައެއް މެންބަރުން ރާއްޖެ އެމްވީއަށް ވިދާޅުވީ އެއްވެސް މެންބަރަކު ސޮއި އަނބުރާ ނުގެންދަވާ ކަމަށާއި އަދި އެކަން ނުވެސް ކުރައްވާނެ ކަމަށެވެ. އެމެންބަރުން ވިދާޅުވީ ކިތައްމެ ބިރެއް ދެއްކެވިނަމަވެސް އެ މެންބަރުން ތިއްބެވީ ސާބިތުކަމާއެކީގައި ކަމަށާއި މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.

އެގޮތުން މަސީހު ބޭރުކުރުމަށް ސޮއިކުރެއްވި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ޕީޕީއެމްއިން ސޮއި ކުރެއްވި އެއްވެސް މެންބަރަކު ސޮއި އަނބުރާ ގެންދަވާފައި ނުވާ ކަމަށާއި އަދި ސޮއި އަނބުރާ ނެންގެވުމަށް ޕީޕީއެމުން ފޮނުވި ސިޓީއާވެސް ބައެއް މެންބަރުން ހަވާލުވެސް ނުވާ ކަމަށެވެ.

އެލިސްޓުގައި ސޮއިކުރެއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ (މުހަންމާ) ވިދާޅުވީ "ދެކެދެކެވެސް ރައީސް ޔާމީންހާ ހުދުމުހުތާރުވެރިއެއް ނުދެކެން" ކަމަށާއި އަނދަގޮނޑިޖަހައި ބުރިން ހަންނެގިޔަސް ވޯޓް ދޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ކަމަށެވެ.

މުހައްމާ ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދާނީ މުޅި ގައުމުގެ ލާބަޔާ މަންފާ ލިބޭ ގޮތަށް ކަމަށެވެ. ސޮއި އަނބުރާ ގެންދަވަން އެންގީ ރައީސް އަބްދުﷲ ޔާމީނަން ބަލިވާނެކަން ޔަގީން ވުމުން ކަމަށާއި، ގޮނޑި ގެއްލުނަސް ވޯޓް ދޭނީ މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ކަމުގައި މުހަންމާ ވިދާޅުވިއެވެ.

އެލިސްޓުގައި ސޮއި ކުރެއްވި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ސޮއި އަނބުރާ ނުނަންގަވާނެ ކަމަށާއި ކިތަންމެ ބިރު ދެއްކިޔަސް ވޯޓް ދެއްވާނީ މަސީހާއި ދެކޮޅަށްކަމަށެވެ.

ރާއްޖެޓީވީގެ 60 މިނިޓްގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، މަސީހު ބޭރުކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި މަސީހާއި ދެކޮޅަށް ކުރައްވާފައިވާ ސޮއި އަނބުރާ ނުވެސް ނަންގަވާނެ ކަމަށެވެ.

ސަރުކާރުން ކުރަން ބޭނުންވާ ކަމަކީ މަސީހާއި ދެކޮޅަށް ވޯޓް ނަގަން އޮތް ދުވަހު މެމްބަރުން މަޖިލީހަށް ހާޒިރުވިޔަ ނުދިނުން ކަމަށާއި މަޖިލީހަށް ގޮސް އެދުވަހު މަސީހާއި ދެކޮޅަށް ވޯޓް ދެއްވައި މަސީހު މަޤާމުން ބޭރުވެސްކުރައްވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ކޮޓަރީގައި ކަންކަން ކުރައްވާ އުސޫލުން ކަމަށާއި ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް އެނބުރި ބަދަލު ނުވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނަމަވެސް ސަރުކާރު ފެއިލްވެ މިހާ ހިސާބަށް އަންނަންޖެހުނީ ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރެއްވުމުގެ ސަބަބުން ކަމަށް، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު، ޕީޕީއެމްއިން ވަކިވެވަޑައިގެން ހުންނެވި ލަތީފް ވިދާޅުވިއެވެ.

ޢަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރުކުރުމަށް ޕީޕީއެމްގެ މެންބަރުން ކުރެއްވި ސޮއި އަނބުރާ ނެގުމަށް އެޕާޓީގެ މުސްތަޝާރު ފެކްޝަނުން ސިޓީ ފޮނުއްވިއިރު، މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި އަނެއް 10 މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވައިފައެވެ.

ސުޕްރީމް ކޯޓުން އާދީއްތަ ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން، މަސީހާ ދެކޮޅަށް ސޮއި ކުރެއްވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަން ވަނީ ކަށަވަރުވެފައެވެ.

ޕީޕީއެމްއިން މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މަސީހާ ދެކޮޅަށް ސޮއި ކުރައްވާފައިވަނީ ޕާޓީގެ ފިކުރާ ހިލާފަށް ކަމަށް ކަމަށާއި، އެއީ ޕާޓީގެ އަސާސީ ގަވާއިދާ އަދި ޕީޖީ ގްރޫޕްގެވެސް ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އެފަދަ ގަރާރެއްގައި ސޮއިކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ހ. އާއި ށ. އާ ހިލާފު އަދި ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ އެ ގްރޫޕްގެ ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާއާ ހިލާފަށް ކުރައްވާފައިވާ ސޮޔެއް ކަމަށް މެމްބަރުންނަށް ފޮނުވި ސިޓީގައިވެއެވެ. އެހެންވެ، މެމްބަރުން ކުރައްވާފައިވާ ސޮއި ހޯމަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން ނަގަންޖެހޭނެ ކަމަށް ވަނީ އަންގައިފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ. މި ޖުލައި 3 ވަނަ ދުވަހު މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން ޕާޓީން ވަކިކުރުމަށް މަގުފަހި ކުރުމަށްޓަކައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އެ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ޕާޓީ ވަކިވެއްޖެ ނަމަ، ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލިގެންދާނެ ކަމަށެވެ. މި ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް، އާދީއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

މި އަމުރުގެ ސަބަބުން މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެކަން ވަނީ ކަށަވަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް