މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ބަލައިގަނެ، ނަންތައް ތަރުތީބުކުރީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި ނަންތައް އިއުލާނު ކުރުމާއެކު ސޯޝަލް މީޑިއާގައި އާއްމުވާންފެށީ ވަރަށް ވިޔާނުދާ ޓްރެންޑެކެވެ. ބައެއް ފަރާތްތަކުން އެކަން ކުރަނީ މަޖަލެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ ކަމަކީ މަޖަލަކަށް ހެދޭނެ ވަރުގެ ކަންކަމެއް ނޫނެވެ. ޚާއްސަކޮށް، ގައުމުގެ ކުރިމަގު ނިންމާނެ އިންތިޚާބެއްގައި ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް އިޝްތިހާރުކުރުމަކީ މަޖަލަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރަމުން އައި ޕޯސްޓުތަކުގައި ކޮންމެ ކެންޑިޑޭޓަކުވެސް ވޯޓު ބޭނުންވާނަމަ އެ މީހަކަށް ދޭންޖެހޭ ފައިސާގެ އަދަދު ޖަހާފައި ހުރެއެވެ. މިއީ މަޖަލެއްގެ ގޮތުގައި ދެކިގެން ބައެއް ފަރާތްތަކުން އާއްމުކުރާ ޕޯސްޓުތަކެކެވެ. ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި މި ޕޯސްޓުތައް ހިއްސާކޮށްފައިވާ އަދަދު ގިނައެވެ. އެކަން ކުރަމުންދަނީ އެއީ ކިހާވަރެއްގެ ކަމެއްކަން ނޭނގިތިބެއެވެ. އޭގެ ސަބަބުން ތިމާ ކުށްވެރިވެދާނެކަން ވެސް ނޭނގިތިބެއެވެ.
މަޖަލަކަށް ނަމަވެސް މި ދެވެނީ ތިމާގެ ވޯޓު ގަތުމަށް އެހެން މީހަކަށް ދައުވަތެވެ. މި ކުރެވެނީ ނީލަމުގައި ވޯޓު ވިއްކާލަން އިޝްތިހާރެވެ. މިއީވެސް ކޮރަޕްޝަނަށް ހުޅުވާލެވޭ މަގެކެވެ. މި އެދެވެނީ ރިޝްވަތަށެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރިޝްވަތު ދޭން ނުވަތަ ހިފަން އުޅުމަކީވެސް ކުށެކެވެ. އަދި އެފަދަ ކުށެއް ކުރަން އުޅުނު މީހަކު އެ ކުށެއް ކުރި މީހަކާ އެއްފަދައިން ކުށްވެރިވާނެއެވެ. އެ މީހެއްގެ މައްޗަށްވެސް ކަނޑައަޅާނީ އެ ކުށް ކުރި މީހާގެ މައްޗަށް ކަނޑައެޅުމަށް ގާނޫނުގައި ބުނާ އަދަބެކެވެ. އެހެންކަމުން، މަޖަލަކަށް ޕޯސްޓުކުރާ އަގު ލިސްޓު ވިހަވެ، ތިމާ ކުށްވެރިއަކަށް ބަދަލުވެދާނެއެވެ.
މި އަގު ލިސްޓުތައް އެއްބަޔަކު މަޖަލަކަށް ހިއްސާކުރި ނަމަވެސް އަނެއް ބަޔަކު ހާމަކަން ބޮޑު ގޮތެއްގައި ވޯޓު ވިއްކާލާނެ ކަމަށް ބުނެއެވެ. މިއީ ގައުމަށްވެސް އަދި ތިމާގެ މުސްތަގުބަލަށްވެސް ލިބިދާނެ ގެއްލުމެއް ކަމުގައި ދެކެން ވާނެއެވެ. ކޮރަޕްޝަނުގެ އަމަލުތައް ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީވެސް އެފަދަ އަމަލުގެ ސަބަބުން ރައްޔިތުންނާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީއެވެ.
ގައުމުގެ ހުންގާނާ ހަވާލުވާނެ ފަރާތެއް އައްޔަންކުރާއިރު، ބަލަންވީ ތިމާއަށް އިންތިޚާބުގައި އެންމެ ގިނައިން ފައިސާ ދޭނެ މީހާއަކަށް ނޫނެވެ. ބަލަން ޖެހޭނީ އެ މީހެއްގެ ތައުލީމީ ގާބިލްކަމާއި އެ މީހެއްގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަކީ ކޮބައިތޯއާއި ކުރިން ކޮށްދިން ޚިދުމަތްތަކަަށެވެ. އަދި މުސްތަގްބަލަށްޓަކައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހުށަހަޅާ ކަންކަން ބެލުމާއި، އެ ކަންކަމަކީ ތަންފީޒުކުރެވޭނެ ކަންކަންތޯ ބެލުމަކީވެސް ވޯޓުލާއިރު މުހިންމު ކަންކަމެވެ.
ކޮންމެ މީހަކު ވެސް ވޯޓުލާންވީ އެ މީހެއްގެ ވޯޓުގެ އަސަރު ގައުމުގެ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެކަން އެނގިތިބެއެވެ.