ކ. މާލެ
|
3 އޯގަސްޓް 2023 | ބުރާސްފަތި 21:29
ދުނިޔޭގެ މޫސުމާބެހޭ އިދާރާ
މޫސުމީ ނޭދެވޭ ބަދަލުތައް
އެލް ނީނޯގެ ސަބަބުން މުޅި ދުނިޔޭގެ ދަނޑުވެރިކަމަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ!
މިއީ މިދިޔަ 7 ދުވަހުގެ ތެރޭގައި ޓްރޮޕިކަލް ޕެސިފިކް ސަރަހައްދުގައި އެލް ނީނޯ އުފެދުނު ފުރަތަމަ ފަހަރު
އެލް ނީނޯގެ އަސަރުތަކާއެކު، މުޅި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދޭ
ޓްރޮޕިކަލް ފެސިފިކް ސަރަހައްދުގައި އެލް ނީނޯގެ އަސަރުތައް އުފެދެމުން ދާކަމުގެ އިންޒާރު ދީފައިވޭ

ބައިނަލްއަގުވާމީ މަސްރަހުން މި ދުވަސްވަރު އެންމެ ގިނައިން ލިބެމުންދާ އެއް އިންޒާރަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިފައިވާ އިންޒާރުތަކެވެ. މިގޮތުން އެންމެ ފަހުން ލިބުނު އެއް އިންޒާރަކީ، އުފެދެމުންދާ އެލް ނީނޯގެ ނޭދެވޭ އަސަރު، މުޅި ދުނިޔޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް މި އަހަރު ތެރޭގައި ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް، ދުނިޔޭގެ މޫސުމާބެހޭ އިދާރާ (ޑަބްލިޔުއެމްއޯ)ގެ އިންޓަރނޭޝަނަލް ކްލައިމެޓް ސަރވިސަސްގެ އިސްވެރިޔާ، ކްރިސް ހެވިޓް ދެއްވި އިންޒާރެވެ.

ނިމިގެން ދިޔަ ޖުލައި މަހުގެ ކުރީކޮޅު، ޑަބްލިޔުއެމްއޯއިން ވަނީ ޓްރޮޕިކަލް ފެސިފިކް ސަރަހައްދުގައި އެލް ނީނޯގެ އަސަރުތައް އުފެދެމުންދާކަމުގެ އިންޒާރު ދީފައެވެ. މިއީ މިދިޔަ 7 ދުވަހުގެ ތެރޭގައި ޓްރޮޕިކަލް ޕެސިފިކް ސަރަހައްދުގައި އެލް ނީނޯ އުފެދުނު ފުރަތަމަ ފަހަރެވެ. އެލް ނީނޯގެ އަސަރުތަކާއެކު، މުޅި ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދެއެވެ. މޫސުމީ ގޮތުން ބަދަލުތައް ގެނުވައެވެ.

އެލް ނީނޯއަކީ ގުދުރަތީގޮތުން އުފެދޭ މޫސުމީ ހަރަކާތެކެވެ. އެލް ނީނޯގެ ހާލަތު މެދުވެރިވުމާއެކު، ޓްރޮޕިކަލް ޕެސިފިކްގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން މައްޗަށް ދެއެވެ. އެލް ނީނޯ އުފެދުމަށް 2 އަހަރާ 7 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވާއިރު، އުފެދޭ އެލް ނީނޯގެ އަސަރު 9 މަހާ 12 މަހާ ދެމެދު މުއްދަތަކަށް ދެމިގެން ދެއެވެ. އެލް ނީނޯއާއެކު އަންނަ މޫސުމީ ބަދަލުތަކުގެ ތެރޭގައި، އާންމު ގޮތެއްގައި ހިކި، ހަނަފަސް ސަރަހައްދުތަކުގައި ފެން ބޮޑުވާއިރު، އާންމު ގޮތެއްގައި ވާރޭވެހޭ ތެތް ބިންތަކަށް ހަނަފަސްކަން ކުރިމަތިވުން ކަހަލަ ކަންކަން ހިމެނެއެވެ.

އެއީ އަހަރުން އަހަރަށް ވަރަށް ބޮޑަށް ތަފާތުވާ އެއްޗެއް. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ އަސަރު ވެސް ތަފާތު. އެހެންވީމަ، އަސަރުތައް ކިހާ ވަރުގަދަވާނެ ކަމެއް އަދި ނޭނގެ. އެލް ނީނޯ އުފެދެމުން ދާވަރަކަށް ދުނިޔޭގެ އެކި ހިސާބުތަކުގަ، އެ އަސަރުތައް ތަފާތު ގޮތަކަށް ތަޖުރިބާ ކުރާނެ. ދުނިޔޭގެ ބައެއް ހިސާބުތަކަށް އެލް ނީނޯއާ ގުޅިފަ ވާ ހަނަފަސް ދުވަސްތަކެއް އަތުވެދާނެ. ހަނަފަސްކަމަކީ، ދަނޑުވެރިކަމަށް ރަނގަޅު ހާލަތެއް ނޫން. އެހެންވީމަ ދަނޑުވެރި އާބާދުތަކުން އެބަ ޖެހޭ ފެން ދޭނެ ގޮތްތަކާމެދު ވިސްނަން. އެލް ނީނޯއާއެކު، ދުނިޔޭގެ އެހެން ހިސާބުތަކުގަ ފެންބޮޑުވެދާނެ. އެކަމުންވެސް ދަނޑުވެރިކަމަށް އަސަރު ފޯރަފާނެ. ވަރުގަދައަށް އުދަ އަރާ، ދަނޑުވެރިކަމުގެ އުފެއްދުންތައް ހަލާކުވެދާނެ.
ކްރިސް ހެވިޓް؛ ޑަބްލިޔުއެމްއޯގެ އިސް އޮފިޝަލެއް

ޑަބްލިޔުއެމްއޯގެ އެންމެ ފަހުގެ މަޢުލޫމާތާއި ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދަށް ބަލާއިރު، މި ހިނގާ 2023 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ މުއްދަތަށް އެލް ނީނޯގެ އަސަރުތައް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެލް ނީނޯގެ އަސަރުގެ ބާރު އުޅޭނީ މެދުމިންވަރެއްގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް މޫސުމީ ނޭދެވޭ ބަދަލުތަކެއް ކުރިމަތިވެ، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވެގެން ރިޕޯޓް ކުރަމުންދާ ދުވަސްވަރެކެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރާ ސީދާ އަސަރާއި ނުސީދާ އަސަރުތައް ހުންނައިރު، ގަދަ ހޫނުގެ ކޮޅިގަނޑެއް ކަމުގައި ވިއަސް، ނުވަތަ ގަދަ ވިއްސާރައިގެ ކޮޅިގަނޑެއް ކަމުގައި ވިއަސް، ނުބެދޭ މީހަކު މަދެވެ. ނެތޭވެސް ދެންނެވިދާނެއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރަން ޖެހިފައި ވަނީ އިންތިހާ ހަލުއި ދުވެލީގައެވެ. ދިރިއުޅުމުގެ ޒަމާންވީ އާދަތަކަށް ބަދަލު ގެންނަން މަޖުބޫރު ވަނީ އެކަމަށް ރަނގަޅަށް ތައްޔާރުވެސް ނުވެވި ތިއްބައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް