ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 13:11
ޔާމީން އަދި ޖަމީލް
ޔާމީން އަދި ޖަމީލް
ރާއްޖެއެމްވީ
ޔާމީނުގެ ރަނިންގމޭޓް
ޔާމީނުގެ ރަނިންގމޭޓަކަށް ޑރ ޖަމީލް
ޖަމީލަކީ 2013 ވަނަ އަހަރުވެސް ޔާމީނުގެ ރަނިންގްމޭޓް
ރަނިންގްމޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އާދިއްތަ ދުވަހު ވަނީ ހަމަޖައްސަވާފައި
އެމްޑީޕީގެ ޙަރަކާތްތަކާ ވަކިވެވަޑައިގަތުމަށްފަހު ޑރ ޖަމީލު އަނެއްކާވެސް ދެން ފެނިގެން ދިޔައީ ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ނައިބްރައީސް އަދި ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ ތަރުޖަމާނު ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް އެމަނިކުފާނުގެ ރަނިންގްމޭޓަކަށް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އާދިއްތަ ދުވަހު ހަމަޖައްސަވާފައިވާ ކަމަށެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ފޯމްގައި, ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ސޮއިކުރެއްވުމަށްފަހު އެ ފޯމް އަނބުރާ ޕީޕީއެމްއާ ވަނީ ޙަވާލުކުރައްވާފައެވެ. ވުމާއެކު، ފޯމު ހުށަހަޅުއްވާނީ ރަނިންގްމޭޓަކަށް ޑރ ޖަމީލުގެ ނަން ޖައްސަވާފައެވެ.

ޖަމީލަކީ 2013 ވަނަ އަހަރުވެސް ޔާމީނުގެ ރަނިންގްމޭޓެވެ. ނަމަވެސް އިންތިޚާބު ކާމިޔާބުވެ، ވެރިކަމުގެ މެދަށްވެސް ނުދަނީސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ޖަމީލު މަޤާމުން ވަކި ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޖަމީލު ގުޅުނީ އޭރުގެ އިދިކޮޅާއެވެ. 

އަދި ނާއިބްރައީސް ކަމުން ވަކި ކުރެއްވުމާ ގުޅިގެން ކޯޓަށް ވެސް ޑރ ޖަމީލު ވަޑައިގެންނެވިއެވެ.

ރައީސް ޔާމީން މިއަދު ތަންފީޒު ކުރައްވަމުންދާ ޖަލު ހުކުމާ ގުޅޭ ފައިސާގެ އެތައް ވާހަކައެއް އޭރު ދައްކަވައި ވަރަށް ބޮޑެތި ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ޑރ ޖަމީލު އަޅުއްވަމުން ގެންދެވިއެވެ. އޭރުގެ އިދިކޮޅު އެމްޑީޕީން ނުދައްކާހާ ތަފާތު ގިނަ ވާހަކަތަކާއި ތުހުމަތުތައް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ޖަމީލް ގެންދެވީ އަޅުއްވަމުންނެވެ. 

‏އެހެންނަމަވެސް، އެމްޑީޕީގެ ޙަރަކާތްތަކާ ވަކިވެވަޑައިގެންނެވުމަށްފަހު ޑރ ޖަމީލު އަނެއްކާވެސް ދެން ފެނިގެން ދިޔައީ ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުންނެވެ.

Advertisement

Advertisement
- ކޮމެންޓް