ކ. މާލެ
|
30 ޖުލައި 2023 | އާދީއްތަ 09:51
ޖަޕާނުގެ ފޮރިން މިނިސްޓަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
ޖަޕާނުގެ ފޮރިން މިނިސްޓަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
ފޮރިން މިނިސްޓްރީ
ޖަޕާން ފޮރިން މިނިސްޓަރު
ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި
ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި
ވިސާގެ މުއްދަތު 90 ދުވަހަށް އިތުރުކުރާނެ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހަޔާޝީ ޔޮޝިމާސާ، ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދާއި މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިނިސްޓަރު ހަޔާޝީ، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމާއި، ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން އެކްސްޗޭންޖް އޮފް ނޯޓްސް ބައްލަވާލައްވާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ ފަޔަރ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ޖޮއިންޓް ހޭންޑްއޯވާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތްކުރި ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމެންޓަށް މިނިސްޓަރު ހަޔާޝީ ޒިޔާރަތް ކުރައްވާނެއެވެ.

މިނިސްޓަރު ހަޔާޝީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް