ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ޝަރުތުތަކެއް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިގެން ނުވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނޭ ގާނޫނީ ވަކީލުން ހޮނިހިރު ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ހިސާން ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ޝަރުތުތަކެއް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކުރި ހުކުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ޝަރުތުތަކުގެ ތެރެއިން ސުޕްރީމް ކޯޓުން އެވަނީ އަކުރެއް އިތުރުކޮށްފައި ކަމަށާއި އެކަން ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
" މިއީ ގާނޫނު އަސާސީން މަތިކުރުވާފައި އޮތް ދުސްތޫރީ ޒިންމާގެ އިތުރުން ސުޕްރީމް ކޯޓުން ކުރައްވާފައި އޮތް ކަމެއް ކަމަށް، އަޅުގަނޑުމެން ދެކެނީ، " ހިސާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން ދޭހަ ވަނީ ގާނޫނެއް ނެތް ހާލަތެއްގައި އެ ކޯޓަށް ގާނޫނެއް ހެދިދާނެ ކަމަށް ގަބޫލު ކުރާކަން ކަމަށާއި އެހެން ނަމަވެސް އެއީވެސް ދުސްތޫރި ނަޒަރަކުން ބަލާއިރު ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
" ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް. ގާނޫނެއް ނެތުމުން އޭގެން އެ އަންނަ ހުސްކަން ފުރުމަށްޓަކައި ސުޕްރީމް ކޯޓަށް ގާނޫނެއް ހެދޭނެ ކަމަކަށް އަޅުގަނޑުމެންގެ ގާނޫނު އަސާސީއެއް ނުބުނޭ، ސުޕްރީމް ކޯޓުން މި ގޮތައް ނިންމި ނިންމުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، " އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގެ ތެރެއަށް ތަދައްހުލް ވުމަށް ރައްޔިތުންގެ މަޖިލީހަށް 31 މެމްބަރަކު ހުށަހެޅުން އެ ފުރުސަތު ދީފައިނުވާއިރު އެ ފަރާތަކީ އެ މައްސަލާގައި އެންމެ ބޮޑު މަސްލަހަތެއް ހިމެނޭ ފަރާތް ވާއިރު، އެ ފަރާތްތަކަށް ފުރުސަތު ނުދިނުމަކީ ވެސް މައްސަލައެއް ކަމަށް، ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ވިދާޅުވި އެވެ.
"މީގެ ކުރިން މި ފަދަ މައްސަލަތަކުގައި، އަދި ވަކިން ހާއްސަކޮން ދުސްތޫރީ ބޮޑެތި މައްސަލަތަކުގަ އާއި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ، އަދި ދައުލަތުގެ ބާރުތަކާއި ގުޅިފައިވާ މައްސަލަތަކުގައި އެ މައްސަލާގައި މަސްލަހަތު ހިމާޔަތްކުރުމަށް ނުވަތަ މަސްހަތު އޮތް ކަމަށް ދެކި ހުށަހަޅާ ފަރާތްތަކަށް މައްސަލައަށް ތަދައްހުލު ވުމަށް ފުރުސަތުދީ އެ ބޭފުޅުންގެ އަޑު އިއްވުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ވަނީ ދެއްވާފައި.، " އޭނާ ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ ޝަރުތުތައް އިތުރުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ކައުންސިލަރުން އިންތިހާބުވާ ޕާޓީ ބަދަލު ކުރުމަކުން އޭނާ ގޮނޑި ނުގެއްލޭނެ ކަމަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހުކުމާ ދިމާ އިދިކޮޅަށް ނިންމި ހުކުމެއް ކަން ވެސް ހިސާން ފާހަގަ ކުރެއްވި އެވެ.
" މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބަ އޮވޭ އެމީހަކު އިންތިހާބުވި ޕާޓީއަކުން ސުލޫކީ މައްސަލައަކާ ހުރެ ވަކި ކޮށްފި ނަމަ ވެސް އޭނާ އިންތިހާބުވި ގޮނޑި ނުގެއްލޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ގޮތާ ދިމާ އިދިކޮޅަށް ނެރުނު އެ ހުކުމް ނެރެން ޖެހުނު ގޮތްވެސް ސުޕްރީމް ކޯޓުން ތަފްސީލް ކޮށްދީފައިނުވާ ކަމަށެވެ.