Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 21:21
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު
ރާއްޖެ އެމްވީ
މަސީހުގެ އިތުބާރު މައްސަލަ
މެންބަރު ފަލާހަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ ހުށަހަޅާފައެއް ނެތް: ފުލުހުން
އެމްޕީ ފަލާހު އަދި ފުލުހަށް އެ މައްސަލަ ހުށައަޅާފައެއް ނުވޭ
އެ މައްސަލަ އޭނާގެ ފަރާތުން ހުށައަޅައިފިނަމަ ބަލާނެ
ފަލާހު ވިދާޅުވީ، ރިޝްވަތުގެ ގޮތުގައި 32 މިލިއަން ހުށައެޅިކަމަށް

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް 32 މިލިޔަން ރުފިޔާގެ ހުށަހެޅި މައްސަލަ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

"އެމްޕީ ފަލާހު އަދި ފުލުހަށް އެ މައްސަލަ ހުށައަޅާފައެއް ނުވޭ" ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ މައްސަލަ އޭނާގެ ފަރާތުން ހުށައަޅައިފިނަމަ ބަލާނެ ކަމަށެވެ.

ޕީޕީއެމް/ އެމްޑީއޭ ގުޅިފައިވާ ޕާލަމެންޓްރީ ގުރޫޕުން މިދިޔަ ހަފްތާގައި ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ މަސީހުއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައި މައްސަލައަކީ " ފައިސާގެ ޕެޓިޝަނެއް" ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް 32 މިލިޔަން ރުފިޔާ ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް ފައިސާ ހުށަހެޅީ ކާކުކަން ފަލާހު ހާމަނުކުރި ނަމަވެސް ވިދާޅުވީ އެ ފައިސާ ހުށަހެޅި ފަރާތްތަކަކީ މިލިޔަނުން މީރާ އަށް ފައިސާ ދައްކަން ޖެހޭ ފަރާތްތައް ކަމަށެވެ. އަދި އެއީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ޕީޕީއެމް ޕީޖީ ގުރޫޕުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ފައިސާ ހުށަހެޅި އޭނާ އަށް އެކަނި ނޫން ކަމަށާއި އެހެން މެމްބަރުންނަށް ވެސް ފައިސާ ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މެންބަރުންނެއްކަމެއް ފަލާހު ހާމައެއް ނުކުރައްވައެވެ.އެހެންނަމަވެސް  ފަލާހު ފިޔަވާ އެހެން އިތުރު މެންބަރަކު ފައިސާ ހުށައެޅިކަމަކަށް ވިދާޅުވެފައެއްނުވެއެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް މީހަކު ރިޝްވަތު ހިފައިފިކަން، ނުވަތަހިފަން އުޅެފިކަން، ނުވަތަ އެފަދަ އެއްވެސް މީހަކަށް ރިޝްވަތު ދީފިކަން ނުވަތަ ދޭން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ ރިޝްވަތު ހިފައިފިކަމަށް، ނުވަތަ ހިފަން އުޅޭކަމަށް، ނުވަތަ ދީފިކަމަށް، ނުވަތަ ދޭން އުޅޭކަމަށް ގަބޫލުކުރެވޭފަދަގަ ގޮތްތަކެއް ދިމާވެއްޖެ ހާލަތެއްގައި ކަމާބެހޭ ތަފްސީލާއި، އެ އަމަލެއް ހިންގި ނުވަތަ ހިންގަން އުޅުނު މީހާގެ ނުވަތަ މީހުންގެ މައުލުމާތާއެކު، އެންޓި ކޮރަޕްޝަނަށް ލަސްނުކޮށް އަންގަންވާނެ ކަމަށެވެ. އެގޮތުން ގަބޫލުކުރެވޭފަދަ އުޒުރެއްނެތި، އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތަކަށް ނާންގައި ހުރުމަކީ، ކުށެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް