ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ޤާނޫނި ވަކީލުން މާދަމާ ހާމަކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ މައްޗަށް ހިންގި ބޭއިންސާފު ޝަރީއަތާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެއް ޤާނޫނީ ވަކީލުން މާދަމާ ހާމަކުރައްވާނެ ކަމަށެވެ. އެގޮތުން މާދަމާ މެންދުރު 1:00 ގައި ޤާނޫނީ ވަކީލުން ނޫސްވެރިންނަށް މައުލޫމާތުދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
In light of new information regarding my unlawful conviction, my legal team will be holding a press conference at 1pm tomorrow in Male'.
— Mohamed Nasheed (@MohamedNasheed) July 15, 2017
ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޤާނޫނީ ވަކީލުން ހާމަކުރުމަށް ތައްޔާރުވަނީ ކޮން މައުލޫމާތުތަކެއްކަން ޔަޤީންނުވި ނަމަވެސް، އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާގޮތުގައި އެ މައުލޫމާތަކީ، ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތަށް ސިޔާސީ ނުފޫޒުވަދެފައިވާ މިންވަރާއި ގުޅުންހުރި ހަޤީޤީ މައުލޫމާތުތަކެވެ.
ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ ފަޓާސްބަރިއެއްހެނެވެ. 23 ފެބުރުއަރީ 2015 ގައި ފެށި ޝަރީއަތާއެކު 13 މާރިޗު 2015 ގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާ 13 އަހަރު ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.