ދިވެހިރާއްޖޭގައި ދިވެހި އަންހެނަކު ވިހެއި އެންމާބަނޑު ހަތަރު ކުދިންގެ ފޮޓޯ އޭޑީކޭ ހޮސްޕިޓަލުން އާއްމު ކޮށްފި އެވެ.
މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި އުފަންވި އެ ހަތަރު ކުދިން އުފަން ވެފައި ވަނީ ބަނޑަށް ހަތް މަހުގަ އެވެ.
އެ ހަތަރު ކުދިންނަކީ އެ ދެމަފިރިންގެ އަލަތު ކުދިންނެވެ.
އެއްމާބަނޑު މި ހަތަރު ކުދިން ވިހެއީ ސިޒޭރިއަށް ހަދައިގެންނެވެ.
އޭޑީކޭ ހޮސްޕިޓަލުން އެ ހޮސްޕިޓަލްގެ ޓްވިޓަރއިން އެ ފޮޓޯ އާއްމުކޮށްފައިވަނީ އެކުދިންގެ މައިންބަފައިންގެ ހުއްދައާ އެކު ހޮނިހިރު ދުވަހު އެވެ. އަދި އެފޮޓޯގައި އެކުދިންގެ މައިންބަފައިންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލްގެ އިސްމުވައްޒަފުންނާއި އެކުދިންނަށް ހިދްމަތް ފޯރުކޮށްދިން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މުވައްޒަފުން ހިމެނެއެވެ.
The first ever #quadruplets born (17/6/17) in the Hospital discharged home on 14 July. Born premature & spent almost a month in our care. pic.twitter.com/DBgivkL2FF
— ADK Hospital (@ADKHospital) July 15, 2017
މަހަކަށް ވުރެ ގިނަ ދުވަހު އެ ހަތަރު ކުދިންނަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ ހުކުރު ދުވަހު އެވެ.
އޭޑީކޭއިން ބުނީ އެކުދިންނަށް ފަރުވާ ދެމުންދިޔައީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށާއި 24 ގަޑިއިރު އެ ކުދިން ބެލެހެއްޓުމަށް ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެކުދިންގެ ބައްޕަ އަހުމަދު އަޝްފާގު "ރާއްޖެއެމްވީ"އަށް ބުނެފައިވާ ގޮތުގައި ދެމަފިރިންގެ އަލަތު ކައިވެންޏަށް ހަ އަހަރު ފުރުނުއިރު ވެސް ކުއްޖަކު ނުލިބިގެން އެކަމަށް ކުރި މަސައްކަތް ކާމިޔާބުވެ، އެއްމާބަނޑު ހަތަރު ކުދިން ލިބުނީތީ ވަރަށް ބޮޑަށް އެ އާއިލާ ތިބީ އުފަލުންނެވެ.
އެއްމާބަނޑު ހަތަރު ކުދިން ނުވަތަ އެއަށް ވުރެ ގިނައިން އެއްފަހަރާ ކުދިން ވިހެއުމަކީ ދުނިޔޭގެ ނިސްބަތުން ވެސް މަދު ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ދުނިޔޭގެ ސަމާލުކަން ވެސް ބޮޑެވެ.