ކ. މާލެ
|
19 ޖުލައި 2023 | ބުދަ 13:33
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް ހަމަޖައްސަންޖެހޭ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް ހަމަޖައްސަންޖެހޭ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލުމަށްޓަކައި ކަންކަން ހަމަޖެހިފައި ހުންނަންޖެހޭނެ، އެކަން ބަލާނަން - އެޗްއާރުސީއެމް
ނިޒާމުތަކަކީ ބޭނުންހިފޭ ނިޒާމުތަކެއް ކަމުގައިވާންޖެހޭނެ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލުމަށްޓަކައި ކަންކަން ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށާއި، އެކަންކަން ބަލަމުންދާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ސީނިއަރ އިންސްޕެކްޝަން އޮފިސަރު މުހައްމަދު ނާހިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، ސިޔާސީ މައިދާނުގައާއި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ވޯޓުލުމުގެ ފުރިހަމަ މިނިވަންކަމާއި ޙައްޤު ލިބިގެންވާ ކަމަށެވެ.

އެގޮތުން ވޯޓުލާ ސަރަޙައްދާއި، ވޯޓު ލުމުގައި ބޭނުންކުރެވޭ ވަސީލަތްތަކާއި، މަޢުލޫމާތާއި، ޤަވާޢިދުތައް ހިމެނޭގޮތަށް، ވޯޓުލުމުގެ ނިޒާމުތަކަކީ އެފަދަ މީހުންނަށް ފަސޭހަ ކަމާއި، މިނިވަންކަމާއި، ނޭދެވޭ ނުފޫޒެއް ނެތި ބޭނުންކުރެވޭ، އަދި އޭގެ ބޭނުންހިފޭ ނިޒާމުތަކެއް ކަމުގައިވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޢާންމު އިންތިޙާބުތަކާއި، ޢާންމު ވޯޓުލުންތަކުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް، އެހެން މީހުންގެ ނުފޫޒެއްނެތި، އަމިއްލައަށް، ސިއްރު ވޯޓު ދިނުމުގެ ޙައްޤު ރައްކާތެރިކުރުން ހިމެނޭ ކަމަށާއި، އަމިއްލައަށް ވޯޓުލުމުގެ ކުޅަދުންތެރިކަން ނެތް މީހުންނަށް، މިނިވަންކަމާއި އަމިއްލަ އިޚްތިޔާރާއެކު، އެމީހުން އަމިއްލައަށް ކަނޑައަޅާ މީހެއްގެ އެހީތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އެމީހުންނަށް ލިބިދިނުން މުހިންމު ކަމަށް ނާހިލް ވިދާޅުވިއެވެ.

މީގެ އިތުރުން ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގައި ވޯޓުފޮށީގެ ވެރިޔާގެ ހުއްދައާއިއެކު އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަކަމެއް ކަމަށާއި، މިކަމުގައި އޭނާއަށް އެހީތެރިވެދިން މީހެއްގެ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ވޯޓު ނެގުމުގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުން ލިޔަން ވާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ އެސިސްޓެންޓެ ޑިރެކްޓަރ، ހަދީޖާ ލިމްޔާ ވިދާޅުވީ އިންތިޚާބުތަކާ ގުޅޭ ޢާންމު ޤާނޫނަށް ގެނެވުނު އިސްލާހުގައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހުންގެ އެހީތެރިކަމަކާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމަށް އެދޭނަމަ، މިޤާނޫނުގެ 45-1 ވަނަ މާއްދާގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށެވެ.

އަދި މި އިސްލާހުގެ ސަބަބުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން މިއީ މުޖުތަމަޢުގައި ތަފާތުކުރުމެއް ނެތި އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް އެޅުނު މުޙިއްމު ފިޔަވަޅެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

- ކޮމެންޓް