އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގުމުގެ ނަމުގައި މުޒާހަރާއަށް ނިކުމެއްޖެނަމަ އިދިކޮޅު މީހުންނަށް ހިފަހައްޓާނުލެވޭނެ ކަމަށާއި، އެހެންނަމަވެސް އެތިއްބެވީ އެގޮތަށް އެކަން ކުރައްވަން ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކެމްޕޭން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މ އަތޮޅަށް ވަޑައިގެންފައިވާއިރު، ބައެއް ރަށްރަށުން އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާ ކޮށްފައެވެ.
މިކަމަށް އިޝާރަތްކުރައްވައި އެމްޑީޕީގެ ދިއްގަރު ހަރުގޭގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ވާދަވެރިން ދެއްކި މަންޒަރަކީ ރާއްޖޭގެ މިއަދުގެ ހާލަތާ އެއްގޮތަކަށްވެސް މުނާސަބު މަންޒަރެއް ނޫންކަމަށެވެ. އެއީ މާޒީވެ ގޮސްފައިވާ މަންޒަރެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަން އޮތް ސަރުކާރުގައި މިކަން އިތުރަށް ސާބިތުކޮށްދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގަން މިއަދު ރާއްޖެ އޮތީ ތަސައްރަފު ފުދި ޑިމޮކްރަސީއަށް ފައްކާވެފައި ކަމަށެވެ. މިއަދު ސިޔާސީ މަސައްކަތް ކުރަނީ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ބުނެދީ، އެކަން އަމަލީގޮތުން ސާބިތުކޮށްދީގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސާއެކު މާ ބޮޑު ޓީމެއް އެބައޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާ ކުރާނަން. މާ އަޑުގަދަވާނެ. އެހެންނަމަވެސް މިތިބީ އެގޮތަށް އެކަން ކުރާކަށް ނޫން. އެއީ ރާއްޖެ ފަހަތަށް ދާނެ ގޮތެއް. މި ތިބީ ކުރިއަށް ދިއުމަށް. މި ޓީމު ނިކުތީމަ އިދިކޮޅު މީހުންނަށް ހިފަހައްޓައެއް ނުލެވޭނެ.އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ
އިމްރާން އިތުރަށް ވިދާޅުވީ ރައީސް ސާލިހަކީ، ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި މަޝްރޫއުތައް ހިންގަވައިދެއްވާނެ ވެރިއެއް ކަމަށެވެ. މިހާތަނަށް މ އަތޮޅުގައި ހިންގާފައިވާ ގިނަ މަޝްރޫއުތަކުންވެސް މިކަން ސާފުވާކަމަށް އިމްރާން ވިދާޅުވިއެވެ.