މިހާރު މިއޮތް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤާނޫނީ ޗާޓުގެ ބޭރުން ކަމަށާއި ވަރަށް އަވަހަށް އެޗާޓުގެ ތެރެއަށް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މިވޭތުވިދިޔަ 3 އަހަރު ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހިރައްޔިތުން ދިޔައީ ވަރަށް ދަތި ވޭންތަކެއް ތަހައްމަލް ކުރަމުން ކަމަށާއި އެކަން ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށެވެ.
ފަލާހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދުވަސްކޮޅަކަށް ނަމަވެސް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރެއްވި ނަމަވެސް ވިސްނި ވަޑައިގެން އިސްލާހީ މަސައްކަތާ ގުޅުނީތީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމުން ވަޑައިގެންނެވި މެންބަރުންނަށް ސެލިއުޓްކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މަޖިލީހަކީ ސަރުކާރުން ބޭނުންވާހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ފަލާހް ވިދާޅުވީ މި ހުރިހާ ދުވަހު މިދިޔައީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރެވި ކަމަށާއި ވަޒީރުން ޖަވާބުދާރީ ނުކުރެވުނު ކަމަށެވެ.
ފަލާހް ވިދާޅުވީ މަސީހް މަޖިލީހުގައި ގޯސްކޮށް ކުރިކަމެއް ދައްކަބަލާށޭ ރައީސް ޔާމީން ވިދާޅުވާއިރު މިޤައުމުގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގިވާއިރު އެކަން ބެލޭނެ ގޮތެއް، ވަޒީރުންނާ ސުވާލު ކުރެވެނެ ގޮތެއް ނެތި ދިޔަ ދިއުމަކީ އޭގެތެރެއިން ކަމެއް ކަމަށެވެ. އަދި އެހެން ކަމުން އެކަމުގައި ރައީސް ޔާމީން ބައިވެރިވާކަމަށް ފަލާހް ވިދާޅުވިއެވެ.
"އަދީބު ވިދާޅުވެއްޖެ އެމްއެމްޕީއާރުސީގެ ފައިސާގެ 80 ޕަސެންޓަށް ވީގޮތް ރައީސް ޔާމީނަށް އެނގޭނެއޭ. އެކަމަކު އެފައިސާއެއް ވީގޮތެއް މިވަނީ ނުބެލި. އެކަން ބަލަން ޖެހޭ. އެފައިސާއާ ރައީސާ ގުޅުންހުރިވަރު ނުބެލިގެން މިއުޅެނީ މަޖިލީހުގެ ތެރެއިން އެކަން ވާނަ ނެތީމަ. އެކަން ކުރުވުމަށް މަޖިލިސް ދޮށުގަވެސް ރައީސް އޮފީސް ދޮށުގައިވެސް ރައްޔިތުން މުޒާހަރާކުރަން ޖެހޭ،" ފަލާހް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޑިޝަރީން ކަން ހިނގަމުންދާ ގޮތަށް އިޝާރާތް ކުރައްވަމުން ފަލާހް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ އިސްލާހް ނުކޮށްފިއްޔާ މާދަމާ އައިސް އެންމެހާ ރައްޔިތުންގެ ބޮލުގައި ކަންކަން އަޅުވަމުންދާނެ ކަމަށެވެ.
ބަންޑާރަ ނައިބު ހުށަހަޅުއްވަައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތައް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވާ ފަލާހް ވިދާޅުވީ ސަރުކާރުގައި ތިއްބެވި މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅުމުން ބަންޑާރަނައިބު ކަންބޮޑުވިއިރު މީގެ ކުރިން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ޕީޕީއެމާ ގުޅުނުއިރު ކަންބޮޑު ނުވީތީ ސުވާލު އުފެދޭ ކަމަށެވެ.
"މީގެ ކުރިން އެމްޑީޕީއާ ޖޭޕީގެ 14 މެންބަރުން ގެންގޮސް ޕީޕީއެމަށް ލީއިރު ކީއްވެތޯ ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ވަޑައިނުގަތީ. މިއަދު މިކަން ފެނިގެން މިއުޅެނީ ރައީސްގެ މެޖޯރިޓީ މަޖިލީހުން ގެއްލުނީމާ. މިރައީސް ބޭރުކުރަން ޖެހޭ. މަޖިލިސްވިއަސް ޖުޑިޝަރީވިއަސް ވެރިކަން ހިންގުމުގެ ބާރުވެސް ހިނގަން ޖެހޭނީ ޗާޓުގެ ތެރޭގައި. އެކަމަކު ސަރުކާރުން ކަންކުރަނީ ޗާޓުން ބޭރުން. އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ޗާޓުގެ ތެރެއަށް ވައްދާނަން" ފަލާހް ވިދާޅުވިއެވެ.