ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 07:35
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
މުސްހަފް އަންދާ މައްސަލަ
އިސްލާމް ދީނާމެދު ނަފްރަތު އުފެދޭފަދަ އަމަލުތައް ހުއްޓުވުމަށް ގަރާރެއް ފާސްކޮށްފި
މިއީ އޯއައިސީގެ ފަރާތުން ހުށަހެޅި ގަރާރެއް
މި ގަރާރު ފާސްވެފައިވަނީ ބޮޑު އަޣުލަބިއްޔަތަކުން

ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިއްވަރުދޭ އަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ހުށަހެޅި ގަރާރު ފާސްވެއްޖެއެވެ.

މި ގަރާރަކީ މުސްހަފް އެންދުމާއި ގުޅިގެން އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓަށް އޯއައިސީގެ ފަރާތުން ހުށަހެޅި ގަރާރެކެވެ.

ދިވެހިރާއްޖެ ވެސް ހިމެނޭހެން އޯއައިސީގެ މެންބަރު ގައުމުތަކުން ބައިވެރިވި މި ޑިބޭޓުގައި އދ ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެންބަރު ގައުމެއްގެ ތާއީދު ލިބި އެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިގަރާރު ވަނީ ފާސްވެފައެވެ. ދިވެހިރާއްޖެއިން ވޯޓުދީފައިވަނީ މި ގަރާރާއި އެއްކޮޅަށެވެ.

މި ޑިބޭޓުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވަނީ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދެވެ.

މި ޑިބޭޓްގައި ޑރ. އާސިމް ދެއްވި ޚިތާބުގައި އެމަނިކުފާނު ވަނީ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ، އެފަދަ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ އަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް