ސްޕްރީމް ކޯޓުގެ ހުކުމާ އެކު އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށާއި އިދިކޮޅާ ގުޅޭ މަޖިލިސް މެމްބަރުންގެ އަދަދު ވެސް ދާނީ އިތުރުވެގެން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ މ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކާ ގުޅިފައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި ފެނިގެން މިދަނީ ވޯޓަކާ ހިސާބަށް ނުދާން ވެގެން ސަރުކާރުން ކުރާ މަސައްކަތް ކަމަށެވެ.
އިދިކޮޅު ކޯލިޝަންގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން ފުލުސް އޮފީހަށް ގިނަގިނައިން ހާޒިރުވާން ޖެހިވަޑައިގެންފައިވާ ފާރިސް ވިދާޅުވީ ސްޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން އިދިކޮޅު ފަރާތްތައް ފަހަތަށް ނުޖެއްސޭނެ ކަމަށާއި އޭގެ ބަދަލުގައި ހަރަކާތްތައް އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ.
މީގެ ކުރިިން ވެސް ފަހަތައް ފިޔަވަޅެއް އަޅަން ޖެހޭ ކޮންމެ ވަގުތެއްގައި ދެން އިދިކޮޅު ފަރާތްތަކުން ކުރިއަށްދަނީ އެއަށްވުރެ ވަރުގަދައަށް ކަމަށާއި ދެން ވެސް ކުރިއަށްދާނީ އިތުރަށް ވަރުގަދަކޮށް ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާ އެކު ދެން ފެނިގެންދާނީ އިދިކޮޅު ފަރަކާތްތަކާއި ގުޅޭ މަޖިލިސް މެމްބަރުންގެ އަދަދު އިރުވެގެންދާތަން ކަމަށެވެ. އަދި މަސީހުގެ މައްސަލާގައި ސޮއިކުރައްވާފައި ތިއްބެވި މެމްބަރުން ވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެބޭފުޅުން ވެސް މަސައްކަތުގައި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ފާރިސް ވިދާޅުވިއެވެ.