ކ. މާލެ
|
5 ޖުލައި 2023 | ބުދަ 12:55
އިމިގްރޭޝަން
އިމިގްރޭޝަން
އިމިގްރޭޝަން
ޕާސްޕޯޓު ޚިދުމަތަށް ގިނަ ލުއިތަކެއް
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ގިނަ ލުއިތަކެއް، މިހާރު އީފާސް މެދުވެރިކޮށް ލޮގިން ވެވޭނެ!
ޕާސްޕޯޓު ދޫކުރާ ވަގުތު ތައް ވަނީ އިތުރުކޮށްފައި
އައިޑީ ކާޑާއި ކުރީގެ ޕާސްޕޯޓު ކޮޕީ މިހާރު ހުށަހަޅާކަށް ނުޖެހޭނެ
ޑިޖިޓަލް ސޮއި ކުރެވޭނެ

މޯލްޑިވްސް އިމިގްރޭޝަނުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްފިއެވެ.

ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް އިމުގާއިން އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 22 ޖުލައި 2020 ގައެވެ. އޭގެ ފަހުން މިހާތަނަށް އޮންލައިންކޮށް 125,600 އަށްވުރެ ގިނަ މީހުން ޕާސްޕޯޓު ހައްދާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. މިއީ އެ އިދާރާއިން އަންދާޒާ ކުރި ވަރަށްވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކެނޑިނޭޅި ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޕާސްޕޯޓު ޚިދުމަތް ހޯދުން އިތުރަށް ލުއި ފަސޭހަ ކުރުމަށް މައިގަނޑު ހަތަރު ބަދަލެއް މިހާރު ވަނީ ގެނެސްފައެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެ އިދާރާއިން އަލަށް ގެންނަ ބަދަލާއެކު ފޯމު ފުރިހަމަކޮށް، ސްކޭން ކޮށް އަޕްލޯޑް ކުރާކަށް ދެން ނުޖެހޭނެ ކަމަށެވެ. އެގޮތުން، ޕާސްޕޯޓަށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ކުރިންއޮތް ނަމަވެސް، ފޯމު ފުރައި ސޮއިކޮށް، އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާކުރާ ކަމަށާއި އެ ޝަކުވާތައް ބަލައިގަނެ މިއަދު ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުޅަހެޅޭނެ މަގު ފަހިވެގެން ގޮސްފައިވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަރވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑް ކުރުމަކީ ކުރިން ކުރަމުން އައި ކަމެކެވެ. ނަމަވެސް، އިމިގްރޭޝަނުން ޚިދުމަތަށް ގެނައި ބަދަލާއެކު އައިޑީ ކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ވެސް ދެން ހުށަހަޅާކަށް ނުޖެހޭނެއެވެ.

ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޕްރޮސެސް މުޅިން ޑިޖިޓަލައިޒް ކުރެވުމާއެކު، ހުށަހަޅާ ފަރާތުން ސޮއިކުރުމަށް ވެސް ވަނީ ފަސޭހަތަކެއް ލިބިދީފައެވެ. އެގޮތުން މި އައި ބަދަލާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރެވޭނެއެވެ. އަދި ސޮއި ރަނގަޅަށް ސާފުވާނެ ފަދަ ތަނެއްގައި، (މިސާލަކަށް ހުދު ކުލައިގެ ކަރުދާހުގައި) ދެލި ގަދަ ގަލަމަކުން ސޮއިކޮށްލުމަށްފަހު، އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑް ކޮށްލުމުން ވެސް އެ ސޮއި ގަބޫލުކުރާނެއެވެ. މި ލުއި ދިން ނަމަވެސް، އަޕްލޯޑު ކުރާ ސޮއި، ޕާސްޕޯޓާ ހަވާލުވުމަށް އަންނައިރު ކުރަން ޖެހޭނެ ކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ޕާސްޕޯޓުގެ ޚިދުމަތަށް އޮންލައިންކޮށް އެދޭ ފަރާތްތަކަށް ލިބިގެންދާނެ އެންމެ ބޮޑު ލުޔަކަށް ވެގެންދާނީ އީ ފާސް މެދުވެރިކޮށް އިމުގާ ޕޯޓަލަށް ލޮގިން ވެވުމެވެ. ކުރިން ޕާސްޕޯޓުގެ ޚިދުމަތަށް އެދޭއިރު، އިމުގާ ޕޯޓަލްއަށް ރަޖިސްޓްރީކޮށް ވަކި އެކައުންޓެއް ހުޅުވަން ޖެހެއެވެ. ނަމަވެސް މިހާރުގެ ބަދަލާއެކު، އެ މީހެއްގެ އީފާސް އެކައުންޓް މެދުވެރިކޮށް އިމުގަ ޕޯޓަލްއަށް ލޮގިން ވެވޭނެއެވެ.

މީގެ އިތުރުން ޕާސްޕޯޓު ދޫކުރާ ވަގުތުތަކަށް ވެސް މިހާރު އިމިގްރޭޝަނުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން، ޕާސްޕޯޓުގެ ޚިދުމަތަކީ ޑިމާންޑު ބޮޑު ޚިދުމަތެއް ކަމުން، ހަމައެކަނި ރަސްމީ ގަޑީގައި އެ ޚިދުމަތް ދިނުމުގެ ބަދަލުގައި ދެ ދަންފަޅިއަކަށް ބަހާލައި، ޝިފްޓް ޑިއުޓީއަށް ސްޓާފުން ނުކުމެ ޚިދުމަތް ދެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މިއާއެކު ކުރިން ހެނދުނު 8:00 އިން މެންދުރު 2:00 އާ ހަމައަށް ޕާސްޕޯޓާ ހަވާލުވުމަށް ދޫކުރި ނަންބަރު މިހާރު ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު 12:45 އިން ހަވީރު 5:00 އާ ހަމައަށް ދޫކުރާނެއެވެ. އަދި ޕާސްޕޯޓު ސެކްޝަން ހެނދުނު 8:00 އިން ރޭގަނޑު 9:00 އާ ހަމައަށް ހުޅުވާފައި ހުންނާނެއެވެ.

ޚީދުމަތްދޭ ވަގުތުތަކަށް ގެނައި ބަދަލާއެކު ޕާސްޕޯޓު ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު މަދުވެ, ރައްޔިތުން ބޭނުންވާ ފަދަ އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް އިމިގްރޭޝަނުން ގަބޫލުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް