ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި މެންބަރުން، މެންބަރުކަމުގެ ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލެއްވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ "މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް ކަންބޮޑުވެ ނުލެއްވުމަށް" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅުން އެ ގޮނޑިއެއް އަނބުރާ ނަގައި ދެއްވާނެ ކަމަށެވެ.
Majlis Raees ge ithubaaru neiykamah soi kurevvumun gon'di gellidhaane kamah kanboduve nullavva.Allah ge iraadhafulhun thi gon'di nagadheynan
— Mohamed Nasheed (@MohamedNasheed) July 13, 2017
މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަސީހުގެ އިތުބާރުގެ މައްސަލައިގައި ސޮއިކުރައްވާ މެންބަރުންނަށް ލިބޭ ހުރިހާ ގެއްލުމެއްގައި ބައިވެރިވެ، އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އަންނަ ދައުރެއްގައި ވެސް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް އެހީތެރިވެދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓުން މިކުރި ހުކުމާއެކު، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު، ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.
ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގަ އެވެ.