ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 15:50
ޢަލީ އާޣާ
ޢަލީ އާޣާ
ރޮއިޓާސް
އަސްކަރީ ކޯލިޝަނުން ދިން ބަޑީގެ ޙަމަލާ
ޢަލީގެ ޙަޔާތުން އުއްމީދުގެ އަލިކަން ނިއްވާލީ އެމެރިކާ ކޯލިޝަނުން
އެ ޙާލު އޭނާއަށް ޖެހުނީ އެމެރިކާ އިސްވެ އޮވެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އަސްކަރީ ކޯލިޝަނުން ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެން
އެކަމުގެ ޒިންމާ އުފުލި މީހަކު އަދާ ޖެހުނުއިރުވެސް ނެތް
ޢަލީ ވާގި ނެތިފައި އޮންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ

އަފްޣާނިސްތާނުގެ އިރުމަތީ ލޫޣާރް ޕްރޮވިންސްގެ އަވަށަކަށް ނިސްބަތްވާ ޢަލީ އާޣާ ވާގި ނެތިފައި އޮންނަތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. އެ ޙާލު އޭނާއަށް ޖެހުނީ އެމެރިކާ އިސްވެ އޮވެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އަސްކަރީ ކޯލިޝަނުން ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެންނެވެ. ނަމަވެސް، އެކަމުގެ ޒިންމާ އުފުލި މީހަކު އަދާ ޖެހުނުއިރުވެސް ނެތެވެ. ދިރިއުޅުން އެފުށް މިފުށަށް ޖެހެން ދޫކޮށްލީއެވެ.

ބަޑީގެ ޙަމަލާއާއެކު ޢަލީގެ މޭކަށިގަނޑުގެ ތިރިން ވާގި ދިޔައެވެ. މިއަދު އޭނައަށް އެނދުމަތީގައި އިށީނދެލައި ހެދެނީވެސް ބޮލާ ދިމާއިން މަތީގައި އެލުވާފައި އޮންނަ ރޯނުގަނޑެއްގެ އެހީގައެވެ. ޙަމަލާއަށް 10 އަހަރު ފާއިތުވެގެން ދިޔައިރު ޢަލީގެ ޙަޔާތުގައި އުއްމީދުގެ އަލިކަމެއް ނެތް ފަދައެވެ. މީގެ 12 ވަރަކައަށް އަހަރު ދުވަސް ކުރީގެ ހަނދާންތަކާއި ތަޖުރިބާތައް ކިޔައިދެމުން ދިޔަ އޭނާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ޖަޒުބާތަކަކީ އެހެން މީހަކަށް ބަޔާން ކޮށްދެވޭނެ ނުވަތަ ސިފަ ކޮށްދެވޭނެ ކަމެއް ނޫނެވެ.

ޢަލީ ބުނި ގޮތުގައި ބިދޭސީ ސިފައިންގެ ފަރާތުން އޭނާއަށް އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އަވައްޓެރިންގެ އެހީއަށް އެދި ރޮއެ ހަޅޭއްލެވީ ޢަލީގެ މަންމައެވެ. ހޮސްޕިޓަލަށް ގެންދިޔައީވެސް މަންމައެވެ.

ރޫންރޫން އަޑު ގޮއްވާފަ ވަޒަންތައް އަންނަ އަޑު އިވުނު. ދެން މިތަން ފިހޭ ކަމުގެ އިޙުސާސް ކުރެވެން ފެށި. ވަޒަން އެރީ އަހަރެންގެ ގަޔަށް. އަހަރެން ވެއްޓުނީ ދޮރު ކައިރިއަށް. އެ ވަޒަނާ ހެދި، މިއަދު މަށަކީ ނުކުޅެދޭ މީހެއް. އެމެރިކާ މީހުން ބަޑިޖެހީ ސީދާ އަހަރެންގެ ގަޔާ ދިމާއަށް. އޭގެ ފަހުންވެސް އެމީހުން ދިޔައީ ހަމަ ގަދަޔަށް ހަމަލާތައް ދެމުން. އަހަންނަށް އެހީވާކަށް، ނޫނީ އަހަރެން ސަލާމަތް ކޮށްދޭކަށް އެކަކުވެސް ނާދޭ.
ޢަލީ އާޣާ؛ އަފްޣާނިސްތާނު ރައްޔިތެއް

ޢުމުރުގައި ބާކީ އޮތް ހުރިހާ ދުވަހަކީވެސް އެނދުމަތިވެފައި އޮތް ޙާލުގައި ގުނަން ޖެހޭ ދުވަސްތަކެއް ކަން އެނގުނު ހިސާބުން ޢަލީގެ ހަތަރު އުދަރެސް ފެނުޖެހިއްޖެ ކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ.

ޢަލީގެ ބައްޕަ މި ދުނިޔެއާ ވަކިވެދިޔައީ އޭނާގެ ޢުމުރުން ވަރަށް ޅަ އިރުއެވެ. ޢަލީ ބަލައިބޮޑުކުރީ ހަމައެކަނި އޭނާގެ މަންމަގެ މަސައްކަތާއި ހިތްވަރުންނެވެ. ބަޑީގެ ޙަމަލާ އަމާޒުވެ، އެނދުމަތިވާން ޖެހުނުއިރު ޢަލީ ގުނަމުން ދިޔައީ އޭނާގެ ޙަޔާތުގެ ޒުވާން ދުވަސްތަކެވެ. 30ގެ އަހަރުތަކެވެ. އޭރު އެ ޢާއިލާއެއްގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ދިޔައީވެސް ޚުދު އޭނާގެ މަސައްކަތުންނެވެ.

ވާގި ނެތި، ބަލި އެނދުގައި އޮންނަން ޖެހުނު ހިސާބުން، ޢަލީގެ މުޅި ޢާއިލާގެ ދިރިއުޅުންވެސް އަނދަވަޅަކަށް ވެއްޓުނެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދާލެވޭވަރު ކިރިޔާ ވަނީވެސް ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދިން އެއްވެސް ބައިވެރިއަކު، ޢަލީއަށް ލޯ ލާރިއެއްގެ މިންވަރުވެސް ދިއްކޮށްނުލައެވެ.

ޢަލީ ސިފަކުރާގޮތުގައި މަކަރާއި ޙީލަތް ހެދުމަކީ އެމެރިކާ ކޯލިޝަނުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. އަފްޣާނިސްތާނުގައި ޞުލްޙަ ބެލެހެއްޓުމުގެ ނަމުގައި އެ ކޯލިޝަނުން ހިންގަމުން ދިޔައީ ލާއިންސާނީ ޖަރީމާ ނޫން ދެވަނަ ދެކަމެއް ނޫން ކަމަށް އިއްތިފާޤުވާ މީހުންވެސް މަދެއް ނޫނެވެ. އާންމު ރައްޔިތުންގެ އަބުރުވެރި ދިރިއުޅުމަށް ކުޑަނަމަވެސް ފަރުވާލެއް ބެހެއްޓި މަންޒަރު، ކޯލިޝަންގެ ފަރާތުން ނުފެނެއޭވެސް ދެންނެވިދާނެއެވެ.

މިއަދާ ޖެހުނުއިރުވެސް އޭގެ އެކަކުވެސް އަހަރެންގެ ޙާލެއް ބަލައެއްނުލާ. އެއީ ވަރަށް ރަޙުމުކުޑަ ބައެއް. މީ އެމީހުން އެ ހޯދި ކަމަށް ބުނާ މޮޅު ކާމިޔާބަކީ. ނަޞްރަކީ. އެމީހުން އަފްޣާނިސްތާނުގަ ތިބެގެން ވީ ފައިދާއެއް ނެތް. ހުރިހާ އެންމެންނަކީވެސް ޢަދުއްވުންގެ ގޮތުގަ އެމީހުން ބެލީ.
ޢަލީ އާޣާ؛ އަފްޣާނިސްތާނު ރައްޔިތެއް

އެމެރިކާ އިސްވެ އޮވެ އަފްޣާނިސްތާނުގައި ކުރި ދިގު ހަނގުރާމައިގެ އަސަރުތައް ދިގު މުއްދަތަކަށް ދެމިގެންދާނެއެވެ. އަފްޣާނިސްތާނުގެ އެތައް ޖީލަކަށް އެކަމުގެ އަސަރު ފޯރާނެއެވެ.

ހަނގުރާމައިގެ ތެރޭގައި ޢަލީގެ އަވަށަށް ލިބުނު ގެއްލުންތަކުން މިއިން ދުވަހަކު އަރައިގަނެވޭނެ ކަމަކަށް ނުބެލެވެއެވެ. އަނިޔާތަކާއެކު ދިރިއުޅެމުން ދާ އަންހެނުންނާ ކުޑަކުދިންގެ ޢަދަދު ގުނާލަން ދަތިވާހާވެސް ގިނައެވެ. އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް