ކ. މާލެ
|
26 ޖޫން 2023 | ހޯމަ 23:24
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރުސީ
ސީއައިއެސް ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް ކެމްޕެއިނެއް ފަށައިފި
މި ކެމްޕެއިން ކުރިއަށްދާނީ ޖުލައި މަހު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިން ސީއައިއެސް ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓް މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.

މިއަހަރުގެ އޭޕްރިލް މަހު ފެށި މި ކެންޕެއިން ކުރިއަށްގެންދަނީ ކޮންޕަސް ޓުއަރސްއާ ގުޅިގެންނެވެ. މި ކެންޕެއިންގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް ނުވަތަ ސީއައިއެސް މާކެޓްގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް ޑިޖިޓަލް އަދި ޓްރެޑިޝަނަލް މާކެޓިންގެ ހަރަކާތްތަކުގައި، އެ މާކެޓުތަކުގެ ބަސް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.

މި ކެމްޕެއިން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަލަށެވެ.

ކޮންޕަސް ޓުއަރސްއަކީ ސީއެސްއައި ޤައުމުތަކުގައި 17 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޓުއަރ އޮޕަރޭޓަރެކެވެ. ސީއެސްއައި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، ބެލަރޫސް، އަރްމީނިއާ، ތުރުކެމިނިސްތާން، މޮލްޑޯވާ، އަޒަރުބައިޖާން، އުޒްބެކިސްތާން، ކަޒަކިސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާން ހިމެނެއެވެ.

ކޮންޕަސް ޓުއާސްއަކީ ސީއައިއެސް ޤައުމުތަކުގައި އެންމެ ކުރިއަރާފައިވާ އެއް ޓުއަރ އޮޕަރޭޓަރެވެ. އެހެންކަމުން އެ ކުންފުންޏާއެކު ކުރިއަށްގެންދާ ކެންޕެއިންގެ ސަބަބުން ރާއްޖެއާއި ބެހޭ މައުލޫމާތު ބޮޑު އޯޑިއަންސަކަށް ފޯރާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި މި ކެންޕެއިންގެ ތެރެއިން ޑިޖިޓަލް، ސޯޝަލް މީޑިއާ، އައުޓްޑޯރ ކެންޕެއިންތައް ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ކެންޕެއިންގެ ތެރެއިން ރާއްޖޭގެ އުފެއްދުންތަކާއި، ތަޖުރިބާތަކާއި، ސެގްމަންޓްތައް ހިމަނާފައިވާއިރު ހަނީމޫނާއި އާއިލީ ޗުއްޓީތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ސީއައިއެސް ސަރަހައްދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ސަރަހައްދެކެވެ. އެގޮތުން، އެ ސަރަހައްދުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ރަޝިއާއަކީ މިއަހަރުގެ މިހާތަނަށް ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

އެމްއެމްޕީއާރުސީން ވަނީ 2022 ވަނަ އަހަރު ސީއައިއެސް މާކެޓަށް ޖުމްލަ 16 ހަރަކާތެއް ހިންގާފައެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު އެ މާކެޓުން ރާއްޖެއަށް 238،951 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް