އުތުރު އެޓްލާންޓިކު ކަނޑުގެ އެކަހެރި ސަރަހައްދަކަށް މީގެ ގަރުނަކަށްވުރެ ގިނަ ދުވަސް ކުރިން ފެތުނު ޓައިޓޭނިކް ބޯޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމުންދާ ސަމާލުކަމަށް، އަދާ ޖެހުނުއިރުވެސް ފަނޑުކަމެއް ނާދެއެވެ. ޓައިޓޭނިކް ފެތިފައިވާ ސަރަހައްދުގެ މަންޒަރުތައް ބަލައިލުމަށް އެތައް ބަޔަކު ލޯބިކުރާއިރު، އެކި ކަހަލަ ނުރައްކާތަކާއި ގޮންޖެހުންތައް ގިރާކޮށް، ހަމަލޮލުން އެ މަންޒަރު ބަލައިލުމަށް ބޮޑެތި ޚަރަދުތައް ކުރާ މީހުންވެސް މަދެއްނޫނެވެ. ހަފުތާ ފެށިގެން ދިޔައީވެސް އެފަދަ ދަތުރަކުންނެވެ.
އެކި ގައުމުތަކަށް ނިސްބަތްވާ މަހުޖަނުންތަކެއް ގޮވައިގެން ޓައިޓޭނިކް ބަލައިލުމަށް އުތުރު އެތުލާންޓިކް ކަނޑަށް ފީނި ސަބްމަރސިބަލްގެ ވަދާއީ ދަތުރަކަށް ވީވެސް ހަމަ އެ ދަތުރެވެ. ސަބްމަރސިބަލްއިން ދަތުރުކުރި 5 މީހުންވެސް މި ދުނިޔެއާ ވަކިވެދިޔަ ދަތުރެވެ. ސަބްމަރސިބަލްގެ ޚަބަރެއް ނުވެގެން ކަމާބެހޭ ފަރާތްތަކުން އެ އުޅަނދު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ މާ ސިންގާ އޮޕަރޭޝަނުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ހިތް ފަޅައިގެން ދާ ވަރުގެ ޚަބަރެކެވެ. ސަބްމަރސިބަލް އެތެރެއަށް ގޮވައި، އޭގައި ތިބި ހުރިހާ އެންމެން މަރުވީކަމަށް، އެމެރިކާގެ ކޯސްޓް ގާޑުން އިއުލާންކުރީ ޖޫން 22 ވަނަ ދުވަހުގެ ވަގުތެއްގައެވެ. "ޓައިޓަން"ގެ ނަން ދީފައިވާ ސަބްމަރސިބަލް ހޯދުމަށް، އެތައް ގައުމެއްގެ ތަޖުރިބާކާރުން ގުޅިގެން 5 ދުވަސް ވަންދެން ކުރި މަސައްކަތް ނިންމައިލީ ހިތްދަތި ޚަބަރަކުންނެވެ.
ޓައިޓޭނިކް ބަލައިލުމަށް ފަތުރުވެރިން ގޮވައިގެން ފިނި ޓައިޓަންގެ ބައިތައް ހޯދީ، ކަނޑު އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓް އުޅަނދެއް ބޭނުންކޮށްގެންނެވެ. ކެނެޑާގެ ބޯޓަކުން ދޫކޮށްލި ރޮބޮޓް އުޅަނދުން ޓައިޓަންގެ ބައިތައް ހޯދީ، މީގެ ގަރުނެއް ކުރިން ފެތުނު ޓައިޓޭނިކް މަނަވަރުގެ ކޮޅުފަސްކޮޅާ އެންމެ 488 މީޓަރު ދުރުން، ކަނޑުގެ ސަތަހާގައި ފެތުރިފައި ވަނިކޮށެވެ. އެއީ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިން ބަލާކަމުގައި ވާނަމަ 2.5 މޭލު ނުވަތަ 4 ކިލޯމީޓަރު ފުނެވެ.
މެރިޓައިމް ޓެކްނޮލޮޖީ ސޮސައިޓީ (އެމްޓީއެސް)ގެ، މީހުންނާއެކު ކަނޑު އަޑިއަށް ފީނާ ސަބްމަރސިބަލް ކޮމިޓީގެ ޗެއަރމަން، ވިލް ކޯނެން ލަފާކުރާގޮތުގައި އެ ވީ ކަމެއް ވުމާއެކު ސަބްމަރސިބަލް އެތެރެއަށް ގޮވާނީ ހަމަ އެ ވަގުތުން ވަގުތަށެވެ. ކޯނެން ސިފަކުރާގޮތުގައި އެއީ ރަހުމަތެކެވެ.
އެންމެ ރަނގަޅު. މިސާލަކަށް ބަލާ، 5 އަހަރުގެ ކުއްޖެއްގެ އަތަށް މި ދެނީ ވައިޖަހާ ފުއްޕާފަ އޮތް ހަމެއް. ދެން މި އެކުއްޖާ ގާތު މި ބުނަނީ އެއަށް އިނގިލި ކޮއްޕާލަން. ފަޅި ސިކުންތެއްގެ ތެރޭގަ ހަން ފަށައިގެން ދާނެތާ ދޯ. ކަނޑު އަޑީގަވެސް ވާނީ ހަމަ އެހެން. އެކަމަކު އިދިކޮޅަށް. ކޮއްޕާލާއިރަށް ފަޅި ސިކުންތެއް ތެރޭ ފަޅައިގެން ދާނެ. އިމްޕްލޯޝަންއޭ މިކިޔައީ އެކްސްޕްލޯޝަންގެ އިދިކޮޅަށް. އެކަމަކު ހަމަ އެއްކަމެއް މި ވަނީ. ހަމަ އެއްގޮތެއް ވާނީވެސް. އެކަމަކު، ގޮވާނީ އެތެރެއަށް. ސިކުންތެއްގެ 1000 ބައިކުޅަ 1 ބައި ހާ ވަގުތުކޮޅެއްގެ ތެރޭގަ އެކަމެއް ވާނެ. އެހެންވީމަ އެއީ ރަހުމަތަކަށް ވީ ކަމެކޭވެސް ބުނެވިދާނެ. ކަނޑު އަޑީގެ ކަނު އަނދިރީގަ، ގަދަ ފިނީގަ، ބެދިފަ އޮތް ހޮޅިގަނޑެއްގެތެރޭ ތާށިވެފަ 4 ދުވަހު ވޭނާ ތަކުލީފުގަ އުޅުމަށްވުރެ އެގޮތް ރަނގަޅުތާ. އެކަމެއް ވެދާނެ ވަރަށް އަވަހަށް. މަށަކަށް ހިއެއްނުވޭ، އެވީ ކީއްކަންވެސް އެމީހުންނަށް ރޭކާލާނެ ވަގުތު ލިބޭނެހެންނެއް.ވިލް ކޯނެން؛ އެމްޓީއެސްގެ އޮފިޝަލެއް
ޓައިޓަންގެ ބައިތައް ފެނުނު ސަރަހައްދާ، އެ ސަބްމަރސިބަލްއާ މުވާސަލާތީ ގުޅުން ކެނޑުނު ހިސާބަށް ބަލާއިރު، އެތެރެއަށް ވާގޮތަށް ޓައިޓަން ގޮވާފައިވަނީ ދަތުރުގެ ކުރީކޮޅުގައެވެ.
ޓައިޓަންއިން ދަތުރުކުރި މީހުންގެ އާއިލާތަކުން ވަނީ ސަބްމަރސިބަލްއާއި އެއިން ދަތުރުކުރި މީހުން ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. 22 ފޫޓުގެ ސަބްމަރސިބަލްއިން ދަތުރުކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 58 އަހަރުގެ އިނގިރޭސި ބިލިއަނަރު އަދި އެކްސްޕްލޯރަރ ހަމީޝް ހާޑިންގް، ފަރަންސޭސި އޯޝަނަގްރާފަރ އަދި ޓައިޓަންގެ ތަޖުރިބާކާރެއް ކަމަށްވާ އުމުރުން 77 އަހަރުގެ ޕޯލް-އޮންރީ ނާޖިއޯލެޓް، އަދި ޕާކިސްތާނަށް އުފަން، އުމުރުން 48 އަހަރުގެ ވިޔަފާރިވެރިޔާ ޝާހްޒާދާ ދާވޫދުއާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު ސުލައިމާން ދާވޫދެވެ. ސުލައިމާނުގެ ދެބަފައިންނަކީވެސް އިނގިރޭސި ރަށްވެހިކަން ހޯދާފައިވާ 2 މީހުންނެވެ. 5 ވަނަ މީހަކީ ސަބްމަރސިބަލް ޕައިލެޓެއްގެ ގޮތުގައި އިން އޯޝަންގޭޓްގެ ޗީފް އެގްޒެކެޓިވް އަދި ބާނީ ސްޓޮކްޓަން ރަޝްއެވެ. އޭނާއަކީ އެމެރިކާގެ ރައްޔިތެކެވެ.
ޓައިޓަންއާ ހަވާލުވެގެން ކަނޑުމަތީގައި އޮތް އުޅަނދާ ގުޅުން ކެނޑުނީ، ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދަށް ފީނުމަށް ކުރަންޖެހޭ 2 ގަޑިއިރުގެ ދަތުރު ފެށިތާ 1 ގަޑިއިރާ 45 މިނެޓް ފަހުންނެވެ.