ކ. މާލެ
|
23 ޖޫން 2023 | ހުކުރު 17:48
ޓައިޓޭނިކް ކައިރިޔަށް ދިޔަ ޕާކިސްތާންގެ މިލިއަނަރު ޝަހްޒާދާ ދާވޫދް އަދި ދަރިފުޅު ސުލޭމާން ދާވޫދު
ޓައިޓޭނިކް ކައިރިޔަށް ދިޔަ ޕާކިސްތާންގެ މިލިއަނަރު ޝަހްޒާދާ ދާވޫދް އަދި ދަރިފުޅު ސުލޭމާން ދާވޫދު
ރޮއިޓާސް
"ޓައިޓަން ސަބް" ގައި ތިބި މީހުން މަރުވުން
ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
ޓައިޓެނިކް ސޮސައެޓީންވެސް ވަނީ މީގެ ފަހުން އިންސާނުންނާއެކު އުޅަނދުތައް ނުފޮނުވުމަށް ނިންމާނެ ކަމަށް ބުނެފައި

މީގެ ސަތޭކަ އެގާރަ އަހަރުކުރިން އަޑިޔަށް ދިޔަ މަޝްހޫރު ފަސިންޖަރ ލައިނަރ ޓައިޓޭނިކް އޮތް ހިސާބަށް ދަތުރުކުރި ކުޑަ ސަބްމެރިންގައި ތިބި ފަސް ފަޅުވެރިން މަރުވެފައިވާކަން އެމެރިކަން ނޭވީ އިން އިއުލާނުކުރުމާއި ގުޅިގެން އެކި ފަރާތްތަކުން ހިތާމައާއި އަދި ތައުޒިޔާގެ ބަސްތައް އެކުލެވޭ މެސެޖްތައް ފޮނުވަން ފަށައިފިއެވެ.

މި ފަސް މީހުންގެތެރޭގައި ޕާކިސްތާނަށް އުފަން މިލިއަނަރު ޝަހްޒާދާ ދާވޫދް އާއި އޭނާގެ ދަރިފުޅު، އުމުރުން 19 އަހަރުގެ ސުލޭމާން ދާވޫދު ހިމެނެއެވެ.

"ޓައިޓަން ސަބް" ކިޔާ ސަބްމެރީންގައި ހުރި އޮކްސިޖަން ހުސްވުމަށް ވަރަށް ގާތްވެފައިވަނިކޮށް ފުރަތަމަ އުޅަނދު ގެއްލުނީއެވެ. އެއަށްފަހު އުޅަނދު ހޯދުމަށް އިތުރުކުޑަ އުޅަނދެއް ފޮނުވުނެވެ. ނަމަވެސް އެއުޅަނދަށް ވަނީ ޓައިޓަން ސަބްގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް އެ ހިސާބުގެ ކަނޑުގެ އަޑިން ފެނިފައެވެ. އޭގެ ކުރިން ވަނީ ކަނޑުގެ އަޑީގައި "އިމްޕްލޯޝަން" އެއް ހިނގިކަން ދެނެގަނެވިފައެވެ. "އިމްޕްލޯޝަން" އަކީ އެތެރެއަށް ގޮވުން ތަކެވެ. ސަބްމެރިން އަށް "އިމްޕްލޯޝަން" އެއް ކުރިމަތިވީ މާބޮޑަށް އަޑިއަށް ދިއުމުގެ ސަބަބުން އަޑީގެ ޕްރެޝަރު މާބޮޑުވެގެން އުޅަނދު ފިތިގެން ކަމަށް ވަނީ ބެލިފައެވެ. މިކަންކަމަށް ބަލައި ސަބްމެރިން ގެއްލުނުތާ ފަސް ދުވަސް ފަހުން ވަނީ އެމީހުން މަރުވެއްޖެ ކަމަށް ނިންމާފައެވެ.

"ޓައިޓަން ސަބް" އަށް ކުރިމަތިވި ހިތާމަވެރި ހާދިސާއާ ގުޅިގެން އޭގައި ތިބި މީހުންގެ އާއިލާތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ޕާކިސްތާންގެ މިލިއަނަރު ޝަހްޒާދާ ދާވޫދްގެ ދައްތަ ބުނީ އެ ހާދިސާ މަތިން ހަނދާންވިއަސް އޭނާގެ ނޭވާ ހާސްވާ ކަމުގައެވެ. އޭނާ ބުނި ގޮތުގައި ޝަހްޒާދާގެ ދަރިފުޅު ސުލޭމާން ހުރީ އެ ދަތުރުގައި ދާން ޖެހިލުން ވެސް ވެފައެވެ. ނަމަވެސް ބައްޕަ އަކީ އަބަދުވެސް ޓައިޓޭނިކްގެ ކަންކަމާމެދު ބޮޑު ޝައުގުވެރިކަމެއް ހުންނަ މީހަކަށް ވެފައި ބައްޕަގެ އެދުމުގެ މަތިން ދަތުރުގައި ބައިވެރިވީކަމަށެވެ.

މި ހާދިސާއާ ގުޅިގެން ޓައިޓޭނިކް ކައިރިއަށް ދިޔުން އެއްކޮށް މަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން ވިސްނަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މީގެ ކުރިން އެތަނަށް ޑައިވް ކޮށްފައިވާ މަޝްހޫރު ފަރާތްތަކުންވެސް ވަނީ އެއީ ނުރައްކާތެރި ދަތުރެއް ކަމަށް ބުނެފައެވެ. ޓައިޓޭނިކް ސޮސައިޓީ އެއްވެސް ހަދާފައި އޮންނަ އިރު އެފަރާތުން ވެސް ވަނީ ކަނޑުގެ ދޭއްބައިމޭލު އަޑީގައިވާ ޓައިޓެނިކް ސައިޓަށް މީގެ ފަހުން އިންސާނުންނާއެކު އުޅަނދުތައް ނުފޮނުވުމަށް ނިންމާނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް