އާދަޔާ ޚިލާފު މަންޒިލުތަކަށް ދަތުރުކޮށް، އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ތަޖުރިބާ ކޮށްލަން ނުލިބޭ ކަންކަން ތަޖުރިބާކުރުމަކީ ގިނަ ބަޔަކު ކުރާހިތްވާ ކަމެކެވެ. ފައިސާގެ ތަނަވަސްކަން ލިބި، ހިތް އެދުނު ކޮންމެ ކަމެއް ކޮށްލުމުގެ ނަސީބު އަތުގައި ހިފާފައިވާ މީހުންގެ ތެރެއިންވެސް، އާދަޔާ ޚިލާފު ކަންކަން ތަޖުރިބާކުރުމަށް އެދޭ މީހުންނަކީ، އުފަލާއި ލައްޒަތަށްޓަކައި ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެކެވެ. މާޒީގައި ކިތަންމެ ހިތްދަތި ހާދިސާއެއް ހިނގާފައި އޮތެއްކަމަކު، އެ ސަރަހައްދުތަކަށް ދަތުރުކޮށް، އެ މަންޒަރުތައް ބަލައިލަން ހިތްއެދޭ މީހުން އޭގެތެރޭގައި ހިމެނެއެވެ.
މީގެ ގަރުނެއް ކުރިން އެޓްލާންޓިކް ކަނޑަށް ފެތުނު ޓައިޓޭނިކް ބޯޓު ފެތުނު ސަރަހައްދަކީ، މިފަދަ ކަންކަމަށް ލޯބިކުރާ މީހުންގެ ސަމާލުކަން ހުއްޓިފައިވާ އެއް ސަރަހައްދެވެ. ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދު ބަލައިލުމަށް، ފަތުރުވެރިންގެގޮތުގައި 5 ވަރަކަށް މީހުން ގޮވައިގެން ދިޔަ ސަބްމެރީނުގައި ތިބި މީހުންނާއެކު އެ ސަބްމެރީނަށް ވީނުވީއެއް ނޭނގި ގެއްލުނު ޚަބަރާއެކު މުޅި ދުނިޔެ އޮތީ ސިހިފައެވެ.
ސަބްމެރީނުން ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އުމުރުން 58 އަހަރުގެ ހަމީޝް ހާޑިންގްއެވެ. ނޯވޭގައި ދިރިއުޅެމުންދާ އޭނާގެ އެކުވެރި، ޖެނީކް މިކެލްސަން ވަނީ އޭނާގެ ތަޖުރިބާތައް މީޑިޔާއާ ހިއްސާކޮށްފައެވެ. ޓައިޓޭނިކް ބޯޓު ފެތިފައި އޮތް ސަރަހައްދު ބަލައިލަން ދިޔަ ފަތުރުވެރި ސަބްމެރީނަށް ވީނުވީއެއް ނޭނގި ހޭދަވާ ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން ކަމަށް މިކެލްސަން ކިޔައިދިނެވެ.
ވަރަށް ނުތަނަވަސްވެފަ މި އިންނަނީ. އެންމެ ހިމަ ނާރަށްވެސް އެ އަސަރު އެބަކުރޭ. ވަރަށް ބިރުގަނޭ. ވަރަށް ހާސްވޭ އެބަ. ނުވެސް ނިދޭ. ހެޔޮ ޚަބަރަކަށް އުއްމީދު ކުރެވެނީ. ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއް ހީވަނީ އެތައް ގަޑިއިރެއްހެން. އަހަރަމެންގެ ވަރަށް ގިނަ ވަގުތު ގެއްލިގެން އެ ދަނީ. އެމީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނެ ފުރުސަތު ހަނިވަމުން އެދަނީ.ޖެނީކް މިކެލްސަން؛ ހަމީޝް ހާޑިންގްގެ އެކުވެރިއެއް
ފާއިތުވެގެންދާ ކޮންމެ މިނެޓަކީ، އެ ސަބްމެރީނުން ދަތުރުކުރި މީހުން ދިރިތިއްބައި ފެނިދާނެކަމުގެ އުއްމީދު ފަނޑުވެގެންދާ މިނެޓެކެވެ. އުތުރު އެޓްލާންޓިކް ކަނޑުގެ އެކަހެރި ސަރަހައްދަކަށް ގެއްލުނު ސަބްމެރީން ހޯދުމުގެ މަސައްކަތުގައި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތައް ހާސް އަކަމޭލެއްގެ ރާސްތާއެއް ބަލާފައެވެ. ނަމަވެސް އަދި ހިލަމެއްނުވެއެވެ.
ކެނެޑާގެ ރަށްބޭރަށް ފެތިފައިވާ ޓައިޓޭނިކް ބޯޓުގެ ބައިތައް ހަމަލޮލުން ދެކިލުމުގެ އުއްމީދުގައި, އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ދަތުރުކުރަމުންދިޔަ ސަބްމެރީން ކަނޑުމަތީގައި އޮތް ބޯޓާ ގުޅުން ކެނޑުނީ، ދަތުރު ފެށިތާ 1 ގަޑިއިރާ 45 މިނެޓް ފަހުންނެވެ. އޭރު ސަބްމެރީނުގައި ތިބީ ޕައިލެޓާއި 4 ފަސިންޖަރުންނެވެ. މިއިން ކޮންމެ ފަސިންޖަރަކީ، ބޮޑު ޚަރަދެއް ކޮށްގެން އެ ދަތުރުގައި ބައިވެރިވި ފަތުރުވެރިއެކެވެ. ކޮންމެ މީހަކު ވަނީ 250000 ޑޮލަރުގެ ފީއެއް ދައްކާފައެވެ.
ހަމީޝް ހާޑިންގްއަކީ ޓައިޓޭނިކްގެ މަންޒަރު ބަލައިލަން ދިޔަ އިނގިރޭސި ބިލިއަނަރެކެވެ. އެއީ ހަމައެކަނި މަންޒަރު ބަލައިލުމުގެ ދަތުރެއް ނޫންކަމަށާއި، ސައިންސުގެ ރޮނގުން ދިރާސާތަކެއް ކުރުންވެސް ދަތުރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަން މިކެލްސަން ވަނީ ފާހަގަކޮށްފައެވެ.
މިކެލްސަންއާއި ހަމީޝް ހާޑިންގް އެންމެ ފުރަތަމަ ބައްދަލުވީ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުގައި މަސައްކަތްކުރި ދުވަސްވަރުއެވެ. އެއީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އެ ދެމީހުން ވަނީ ދުނިޔޭގެ ރެކޯޑް ހެދުމަށްޓަކައި "ވަން މޯ އޯބިޓް"ގެ ނަމުގައި، ދުނިޔޭގެ އެއް ތަނޑިން އަނެއް ތަނޑިއަށް މަތިންދާ ބޯޓެއްގައި އެންމެ ހަލުއި ދުވެލީގައި ދަތުރުކުރުމުގެ މިޝަންގައި ބައިވެރިވެފައެވެ.
މިކެލްސަންއާއި ހަމީޝް ހާޑިންގް އެންމެ ފަހުން ވާހަކަދެއްކީ ސަބްމެރީންގައި ޓައިޓޭނިކް ބަލައިލަން ދިއުމުގެ ދަތުރު ފެށުމުގެ ވަގުތުކޮޅެއް ކުރިންނެވެ.
"ޓައިޓަން"ގެ ނަން ދީފައިވާ މި ސަބްމެރީނަކީ 22 ފޫޓު ދިގު، 9.2 މީޓަރު ފުޅާ އަދި 8.3 މީޓަރު އުސް ސަބްމެރީނެކެވެ. ސަބްމެރީނުގައި ހުރި ލައިފްސަޕޯޓް ނިޒާމަށް ބަލާއިރު، 5 މީހަކަށް އެ ސަބްމެރީނުގައި އެންމެ ގިނަވެގެން އުޅެވޭނެކަމަށް ބެލެވެނީ 96 ގަޑިއިރެވެ.