ދައުލަތުގެ ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލައެއް ބަންޑާރަ ނައިބު ހުށަހެޅުމުން ގާނޫނު އަސާސީއާ ޚިލާފުވުމެއް އެއްވެސް ފަރާތަކަށް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 29 މެންބަރުންނާއި އެކު މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވާ ހުށަހަޅާފައިވާ މައްސަލައެއް އެޖެންޑާކޮށް، ތާރީހެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަަމަށާއި މިކަމަށް މަޖިލީހުގެ ގަވައިދުގެ ތެރެއިން އަމީންއާންމު އަމަލުކުރައްވާނެ ކަމަށް ޝައްކު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 45 މެންބަރުންގެ ސޮޔާއެކު ކަމަށާއި އެ މައްސަލަ ގަވައިދުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މީގެ ކުރިން އަމީންއާންމު ދެއްވާފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ބަންޑާރަ ނައިބު ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ގާނޫނު އަސާސީގައި ވަަރަށް ފުރިހަމަށް ކަނޑައަޅާފައިވާ ކަމެއް ކަމުގައިވާއިރު މަޖިލީހުގެ މެންބަރުން ވަކިވާނެ ގޮތްތަކާއި ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅުމުގެ އިތުރު ޖާގައެއް ނެތް ކަަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ މައްސަލައެއްގައި ދުސްތޫރި މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ބޭނުމެއް ނެތް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެއްވެސް ފަރާތަކުން ގާނޫނު އަސާސީއާއި ޚިލާފުވާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި ސުޕްރީމް ކޯޓުންވެސް މި މައްސަލައިގައި ގާނޫނު އަސާސީއާ އެއްގޮތަށް ނިންމާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ގާސިމް ވަނީ މަޖިލީހުގެ ތެރެއިން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައިވާ ތާއީދު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.