އެމްއެމްޕީއާރުސީއަށް ލިބުނު ޑޮލަރު މާރު ކުރުމަށްފަހު އޭގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް ހަވާލު ކުރީ ސީދާ ރައީސް ޔާމިނާއި ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވިކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއަށް ވީ ގޮތާ ގުޅޭ ގޮތުން އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު އާއި ދޫނިދޫ ޖަލުން ބައްދަލުވެވަޑައިގެން މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ.
ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ،ޒިޔަތު ބައިވެރިވި ކަމަށް ސާބިތުވެ އޭނާ ހުރީ 8 އަހަރަށް ޖަލަށްލާފައެވެ.
އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީއަށް ލިބޭ ޑޮލަރު އަދީބުއާ ގާތްގުޅުން އޮންނަ ކުންފުނިތައް މެދުވެރިކޮށް މާރުކުރުމަށް ރައީސް ޔާމިން ޒިޔަތަށް އެންގެވިކަމަށް ޒިޔަތު ވިދާޅުވި ކަމަށެވެ. އަދި އެގޮތުން ޑޮލަރު މާރު ކުރުމަށްފަހު އެކުންފުނިތަކުން އެމްއެމްޕީއާރުސީއަށް އެ ފައިސާ ހަވާލުކުރި ކަމަށްވެސް ޒިޔަތު ވިދާޅު ކަމަށް އަދީބު ވިދާޅުވިއެވެ.
އަދިއެހެންމެ އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރީ ކުންފުނި ހިންގާ ޤަވައިދާ ޚިލާފަށް ކަމަށްވާއިރު އެ ފައިސާ ޖަމާކުރުމުގެ ކަންކަން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ މުހައްމަދު ލުވައިޒް ކިޔާ ބޭފުޅެއް ހަމަ ޖައްސަވާނެކަމަށް ރައީސް ޔާމިން އެންގެވިކަމަށް ޒިޔަތާ ހަވާލާ ދެއްވާ އަދީބު ވަނީ އެ ބަޔާނުގައި ވިދާޅުވެފައެވެ. ލުވައިޒްއަކީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭގެ އިތުރުން ބީއެމްއެލްއަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރައްވާފައި ހުންނެވި މެމްބަރު ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.
އަދި އެމްއެމްޕީއާރުސީއަށް ލިބެމުންދިޔަ ގިނަ އަދަދެއްގެ ފައިސާ އެގޮތައް ޚަރަދު ކުރެވެމުންދިޔައިރު އެކަމާ ކަންބޮޑުނުވުމަށާއި ވަރަށް އަވަހަށް އަރަބި ގައުމަކުން 100 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ލިބުމުން އެ ފައިސާ އަނބުރާ ދައްކަވާނެ ކަމަށް ޒިޔަތުއަށް ރައީސް ޔާމިން ދެންނެވި ކަމަށްވެސް ޒިޔަތާއި ހަވާލާ ދެއްވާ، އަދީބު ވަނީ ވިދާޅުވެފައެވެ. އަދި އެކަން އަދީބަށް ނޭންގުމަށާއި ހުރިހާ ކަމެއް އަދީބަށް އެނގިވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާކަމަށް ރައީސް ޔާމިން ވިދާޅުވިކަން ޒިޔަތުގެ ފަރާތުން އެނގިވަޑައިގެންކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދި އެކަންކަން އެމަނިކުފާނަށް ނޭނގޭއިރުވެސް އަދީބަށް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވެ، ޒިޔަތު ފުލުހުންނަށް ބަޔާން ދެއްވީ ކީއްވެތޯ ޒިޔަތުއާއި ސުވާލު ކުރުމުން އެގޮތައް ކަންކަން ކުރެއްވީ އަދީބާ ދެކޮޅަށް ބަޔާން ދެއްވުމުން ލުއި ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޔާމިން ވައުދުވެވަޑައިގެންނެވުމުން ކަމަށްވެސް ޒިޔަތު ވިދާޅުވި ކަމަށް އެބަޔާނުގައިވެއެވެ. އަދި އެގޮތައް ކަންކުރީ އަބްދުﷲ ޒިޔަތުގެ އާއިލާ މެމްބަރުންގެ ތެރޭގައި ހިމެނޭ، އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތާއި އޮޑިޓަރު ޖެނަރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުގައި ދަމަހައްޓަވާނެކަމަށް ރައީސް ވިދާޅުވެގެންކަމަށް ޒިޔަތު ވިދާޅުވިކަމަށްވެސް އެބަޔާނުގައިވެއެވެ.
" އެމްއެމްޕީއާރުސީ އިން އުނިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ފައިސާއިން 80 އިންސައްތަ ހަވާލު ކުރެވުނީ ސީދާ ރައީސް ޔާމިނަށް ކަމަށްވާއިރު އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުގެ ސިޔާސީ މަސައްކަތަކަށް ހަރަދުކޮށްފައިނުވާކަން ސަރުކާރުގެ ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. އެފައިސާއަށް ހެދިގޮތާއި ވީތަނެއް އެނގިވަޑައިގަންނަވާނީ ސީދާ ރައީސް ޔާމިނަށެވެ." އަދީބު ވިދާޅުވެފައިވެއެވެ.