ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލްގެ މައްޗަށް އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގުމެއް ނެތި، އެ ދެ ގާޒީން އެހެން ކޯޓަކަށް ބަދަލު ކުރި ކުރުމަކީ ގާނޫނާ ޚިލާފް ކަމެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކޮށް، ކްމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލު ކުރުމަށާއި، ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހުގެރޭ ނިންމި ނިންމު ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައެވެ.
ސުއޫދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރެއްގެ ރުހުން ނެތި، އެބޭފުޅަކު އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކަމަށާއި އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރި ކުރުމަކީ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ލިބިދީފައިވާ މިނިވަންކަމާ ޚިލާފް އަމަލެއް ކަމަށެވެ.
އިސް ގާޒީ ބާރީގެ މައްޗަށް ފިޔަވަޅު އަޅާނެ ތަނެއް ނެތް ކަމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އެރޭ ދަންވަރު އެމަނިކުފާނު އެހެން ކޯޓަކަށް ބަދަލު ކުރަން ނިންމީ ކީއްވެގެންތޯ އެ ބަޔާނުގައި ސުއޫދު ސުވާލު އުފައްދަވާފައިވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްސަލަވެސް ބައްލަވަމުން ގެންދެވި ގާޒީ ބާރީ އާއި ގާޒީ ޝަކީލް ކުއްލި ގޮތަކަށް އެހެން ކޯޓަކަށް ބަދަލު ކުރީ ޖޭއެސްސީގެ މެމްބަރުން ވާޖިބަށް ވަފާތެރިވެ ތިއްބަވައިގެންތޯ އެ ބަޔާނުގައި ސުވާލު އުފައްދާފައިވެއެވެ.
"ފަނޑިޔާރަކު ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމަށް އޮތް ހައްލަކީ މަތީ ކޯޓަކަށް އިސްތިއުނާފް ކުރުމެވެ. އެ ނިންމުމާ ގުޅިގެން ފަނޑިޔާރެއްގެ މައްޗަށް އަދަބެއް ކަނޑައެޅިގެން ނުވާނެއެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަނޑައަޅާފައިވާ ހުކުމެވެ." ކުރިން ޖޭއެސްސީގެ މެމްބަރުކަންވެސް ކުރެއްވި ސުއޫދުގެ އެ ބަޔާނުގައިވެއެވެ.
ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަ ބަލާ ޖުވެނައިލް ކޯޓުގައި އޮތީ އެންމެ 13 މައްސަލަ ކަން ފާހަގަކުރައްވާ، އެ ބަޔާނުގައި ވަނީ އެ ކޯޓުގައި މިހާރު ވެސް ހަތަރު ފަނޑިޔާރުން އެބަ ތިއްބެވި ކަމަށެވެ. އެހެންވުމުން އެ ކޯޓުގެ ކޮންމެ ފަނޑިޔާރެއްގެ އަތުގައި ވެސް އޮންނާނީ އެންމެ ތިން މައްސަލަ ކަމަށާއި ގާޒީ ބާރީ އެ ކޯޓަށް ބަދަލުކުރީ އެ ކޯޓުގައި ކުރާނެ މަސައްކަތް ހުރެގެންތޯ އެ ބަޔާނުގައި ސުއޫދު ސުވާލު އުފައްދަވާފައިވެއެވެ.
"ޖޭއެސްސީގެ މެމްބަރުކަން ފަދަ ދުސްތޫރީ މަގާމަކަށް އައްޔަން ކުރެވޭ ކޮންމެ މީހަކީ ހަމައެކަނި އިސްލާމް ދީނާއި ގާނޫނު އަސާސީއަށް ތެދުވެރިވެ، ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރަން ޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރަން ޖެހޭނީ މި ގައުމުގެ ދުސްތޫރީ ނިޒާމު ވަކި ހަމައެއްގައި ހިފެހެއްޓުމަށެވެ. މި މޭރުމުން އެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެންވާނެއެވެ." އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައިވަނީ ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މެމްބަރު އެ މަގާމުގެ ދައުރު އަދާ ކުރަމުން ގެންދަވާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި އެ މެމްބަރު ވަކިކުރަން މަސައްކަތް ފަށަން ޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.