ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 20:49
ހަނގުރާމައާއި ފުރައްސާރައިން ސަލާމަތްވުމަށް ކިތަންމެ ނާމާން ދަތުރެއްވެސް ކޮށްފާނެ: ރުމާނާ
ހަނގުރާމައާއި ފުރައްސާރައިން ސަލާމަތްވުން
ހަނގުރާމައާއި ފުރައްސާރައިން ސަލާމަތްވުމަށް ކިތަންމެ ނާމާން ދަތުރެއްވެސް ކޮށްފާނެ: ރުމާނާ
އެ ބޯޓުން ދަތުރު ކުރި މީހުންގެ ޢަދަދު އުޅެނީ 400 އާއި 750 އާ ދެމެދު
މަރުވި މީހުންގެ ޢަދަދު 70 އަށް ވުރެ މައްޗަށް ވަނީ އަރާފައި

އުޖާލާ ދިރިއުޅުމެއްގެ ހުވަފެން ނުދެކޭނެ މީހާކު ނުހުންނާނެއޭވެސް ބުނެވިދާނެއެވެ. ދިރިއުޅެން ޖެހިފައި ވާ ހާލަތާ މެދު ޝަކުވާ ކޮށްލަކޮށްލާ ހުރުމުގެ ބަދަލުގައި، އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމުގައި، ހުރަސް ކުރަން ޖެހުނު ކޮންމެ ހުރަހެއް ގިރާކޮށް، ކުރިމަތިލާން ޖެހުނު ކޮންމެ ފަދަ ގޮންޖެހުމަކާ ކުރިމަތިލާން ނުކުންނަ މީހުންވެސް މަދެއް ނޫނެވެ. މިފަދަ މަންޒަރެއް އެންމެ ސާފުކޮށް ފެނިގެން ދަނީ، ހަނގުރާމަ ގަދަވެފައި ވާ ބިންތައް ދޫކޮށް، ވީ ހާލަކައިގެން ވުމަށް، ހިޖުރަ ކުރާ މީހުންގެ ކިބައިންނެވެ. އުފާވެރި ޙަޔާތެއްގެ ޢުއްމީދުގަ، ފުރާނަ އަތްމައްޗަށް ލައިގެން މާސިންގާ ކަނޑުމައްޗަށް އަރަނީ، ފޮނި ހުވަފެންތަކެއް ދެމުންނެވެ. އެ ގޮތުގައި ފަށާ ބައެއް ދަތުރުތައް، ބައެއް ހިޖުރަވެރިންނަށް ނިމި ދަނީ ނަމާން ހުވަފެނެއްގެ ގޮތުގައެވެ.

ނުތަނަވަސް މަންޒިލެއް ދޫކޮށް، ހަމަ ޖެހުމާއި ސަލާމަތްތެރިކަން ހޯދުމަށް ކުރާ ދަތުރުގެ ނުތަނަވަސްކަން، އެނޫން މީހުންނަށް އެނގިގެން ދަނީ، އެފަދަ ދަތުރެއް ކުރަމުންދާ ބޯޓަކަށް ކަމެއް ދިމާވެ، އެތައް ބައެއްގެ ފުރާނަ ގެއްލިދާ ޚަބަރުތައް މީޑިއާއަށް ތިލަވާ ހިސާބުންނެވެ. ނިމިގެން ދިޔަ ހަފުތާއަކީވެސް އެފަދަ ހިތްދަތި ހަފުތާއެކެވެ. ހިޖުރަވެރިން ތޮއްޖެހިފައި އޮތް ބޯޓެއް، ގްރީސްގެ ރަށްބޭރަށް ފެތި، މަރުވި މީހުންގެ ޢަދަދު 70 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ބޯޓުގައި ތިބި މީހުން ތަޙައްމަލު ކުރި ކަންކަމަކީ ދެވަނަ މީހަކު އެފަދަ ކަމެއް، ހުވަފެނެއްގައިވެސް ފެންނަ އެދޭނެ ކަންކަމެއް ނޫނެވެ.

ގްރީސްގައި ހުންނަވާ، އދގެ ރެފިއުޖީންނާ ބެހޭ މަންދޫބު، އިރާސްމިއާ ރުމާނާ ވިދާޅުވީ، ފެތުނު ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ފުރާނަ ސަލާމަތްވި މީހުންގެ ވާހަކަތަކަށް ބަލާއިރު، ބޯޓުގެ މަސްރަޙު ސިފަވެގެން ދަނީ ފިތިބާރުވެ، ތޮއްޖެހިފައި އޮތް އޮޑިއެއްގެ ގޮތުގައި ކަމަށެވެ. ހާލުގައި ޖެހިގެން އުޅޭ ކަމުގެ ސިގުނަލް ފޮނުވާލުމުގެ ކުރިން، އެ ހާލުގައި އެމީހުން އެތައް ދުވަހެއް ހޭދަ ކުރި ކަމަށް ވެއެވެ.

ބޯޓު ފެތުނު ސަރަޙައްދުން ސަލާމަތް ކުރި މީހުންނަށް ވަޤުތީ ފަރުވާ ދެމުން ދަނީ ގްރީސްގެ ބަނދަރު މަތީ ސިޓީއެއް ކަމަށްވާ ކަލަމަޓާގެ ގުދަނެއްގައެވެ. އެތަނުގައި ހުންނަވާ، ވާހަކަދައްކަވަމުން ރުމާނާ ވިދާޅުވީ، ޖިސްމާނީ އަނިޔާއަށް ވުރެ ބޮޑަށް، ހިޖުރަވެރިން ތަޙައްމަލު ކުރަމުން ދަނީ ނަފުސާނީ އަނިޔާތައް ކަމަށެވެ. ގިނަ ބަޔަކަށް ވީ ނުވީއެއް ނޭނގި އަދިވެސް ގެއްލިފައި ވާ އިރު، ހިޖުރަވެރިންގެ މާޔޫސްކަން ގުޅިފައި ވަނީ އެމީހުންނަށް ވީ ގޮތަކާ ކަމަށް ރުމާނާ ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް ޢުއްމީދު ކުރަނީ، ސަލާމަތާއި ރައްކާތެރި ޙާލުގައި އެމީހުން ދިރި ތިބި ކަމުގެ ޚަބަރު، އުފަން ވަޒަނުގައި ތިބި ޢާއިލާގެ މެންބަރުންނަށް ފޯރު ކޮށްދިނުމަށެވެ.

ގްރީސްގެ ރަށްބޭރަށް ފެތުރު ބޯޓުން ސަލާމަތްވި މީހުން ގެންދިއުމަށް ހަމަ ޖެހިފައި ވަނީ ގްރީސްގެ ވެރިކަން ކުރާ އެތެންސްއަށެވެ. އެ އަށްފަހު ހިޖުރަވެރިން ދަފުތަރު ކޮށް، ހިމާޔަތަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޖުރަވެރިން ކުރަން ޖެހޭ ދަތުރަކީ ކިތަންމެ ނާމާން ދަތުރަކަށް ވީ ނަމަވެސް، އެފަދަ ދަތުރުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ރުމާނާ ފާހަގަ ކުރައްވައެވެ. ހަނގުރާމައާއި ފުރައްސާރަތަކުން ސަލާމަތްވާން އޮތް ހަމަ އެކަނި ގޮތަކީ، ނުރައްކާތެރި ކަނޑުދަތުރެއް ކަމުގައި ވީ ނަމަ، އެކަމާވެސް ކުރިމަތިލާނެ ކަމަށް އދގެ މަންދޫބު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު، ގްރީސްގެ ރަށްބޭރަށް ފެތުނީ މަސް ބޯޓެކެވެ. އެ ބޯޓުން ދަތުރު ކުރި މީހުންގެ ޢަދަދު އުޅެނީ 400 އާއި 750 އާ ދެމެދުގައެވެ. ހިޖުރަވެރިންނާއެކު ބޯޓު ފުރީ ލޯބިޔާގެ ތުބްރޫކް ބަނދަރުންނެވެ. މި ހާދިޘާގައި ފުރާނަ ސަލާމަތްވެ، ގްރީސްގެ އެއްގަމަށް އަރުވާފައި ވަނީ 104 މީހެއް ކަމަށް، ގްރީސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މެދުއިރުމައްޗާއި އެފްރިކާ އަދި އޭޝިއާ ސަރަޙައްދުގެ ޤައުމުތައް ދޫކޮށް، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް އެތެރެވުމަށް މަސައްކަތް ކުރާ ހިޖުރަވެރިންގެ މެދުގައި ގްރީސްއަކީ މަޤުބޫލު ރާސްތާއެކެވެ.

- ކޮމެންޓް