މާތްﷲގެ އިރާދަފުޅާއެކު، އަހަރެން ދުނިޔޭގައި މިހުރީ އަންހެނުންނާއި ބައްޕަ ވެދިން ބޮޑު ގުރުބާނީއެއްގެ ސަބަބުންނެވެ. މިއީ މުހައްމަދު ހާމީ، އޭނާގެ ވާހަކަ ފެށިގޮތެވެ. ހާމީގެ މުޅި އައިލާއަށް ޝުކުރުގެ ބަސްތައް ގަތަމުން ދިޔައިރު، ހާމީއަކީ ދެވަނަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ހިތްވަރުގަދަ ޒުވާނެކެވެ. އުފާވެރި ދިރިއުޅެއް ވޭތުކުރަމުންދާ ޒުވާނެކެވެ. ހާމީގެ ވާހަކަތައް ރާއްޖެއެމްވީއާ ހިއްސާކުރަމުން ބުނެފައިވަނީ، ދުނިޔޭގައި ކޮންމެ މީހަކަށްވެސް އުންމީދު ނުކުރާ އެތައް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އުންމީދާއެކު އެކަމަކުން އަރައިގަތުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ހާމީގެ ދެ ކިޑްނީ ފެއިލްވެ ޓްރާންސްޕްލާންޓް ފުރަތަމަ ހެދީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. މި ޓްރާންސްޕްލާންޓްގައި ދެ ފަހަރު ރިޖެކްޝަން ގޮސް، ހަމަސް ދުވަސް ހޭދަކުރީ އައިސީޔޫގައެވެ. ހާމީގެ ބައްޕަ ދިން ކިޑްނީއާއެކު 13 އަހަރު ވަރަށް އުފަލުގައި އުޅުމަށްފަހު ދެވަނަ ފަހަރަށް ކިޑްނީ ފެއިލްވެ، 19 އޭޕްރީލް 2019ގައި ދެވަނަ ފަހަރަށް ޑަޔަލިސިސް ހަދަން ފެށިއެވެ. އެގޮތުން ޓްރާންޕްލާންޓް ކުރެވުމާއި ހަމައަށް ޖުމްލަ 532 ޑަޔަލިސިސް ހަދާފައިވެއެވެ. ކޮންމެ ހަފުތާއަކު ދެތިން ފަހަރަކު ޑަޔަލިސިސް ހަދަން ޖެހުމުން މުޅި ދިރިއުޅުން ބަދަލުވެގެންދިޔައެވެ. ހަށިގަނޑުގައި އަޅާ ވޭން ބޮޑުވެ، އިތުރު ސިއްހީ މައްސަލަތައްވެސް ދިމާވާން ފެށިއެވެ.
ނަމަވެސް ހާމީއަށް ލިބިފައިވާ އޭނާގެ ލޯބިވާ އަނބިމީހާގެ ސަބަބުން އެތައް ކަމެއް ލުއިވެ، އުންމީދު އާވެގެންދެއެވެ. ހާމީ ކިޔައިދިންގޮތުގައި، އޭނާގެ އަނބިމީހާ އާއިޝަތު ޝުޒާ ރުޝްދީ 24 ގަޑިއިރު ހުންނަނީ ހާމީގެ ޚިދުމަތުގައެވެ. ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ޝުޒާއެވެ. ޝުޒާ ކުރަމުންދާ ބުރަ މަސައްކަތާއި، ދޭ ހިތްވަރުގެ ސަބަބުން ހާމީއަށްވެސް ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ހިތްވަރު ލިބެއެވެ.
އެގޮތުން ދެވަނަ ޓްރާންސްޕްލާންޓަކަށް ދިއުމަށް ކުރި މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތްކުރީ ޝުޒާއެވެ. މިމަސައްކަތް ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ޝުޒާ ބުނެފައިވަނީ، ޓްރާންސްޕްލާންޓް ހެދުމަށް ދާން ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. އެގޮތުން ވަރަށް ގިނަ ގައުމުތައް ބެލި ކަމަށާއި، އެންމެ ރަނގަޅު ގައުމަކަށް ފާހަގަކުރެވުނީ ތުރުކީ ކަމަށެވެ.
ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު، ހާމީ ދެވަނަ ޓްރާސްޕްލާންޓަށް ފުރީ 28 ނޮވެމްބަރު 2021ގައެވެ. ޕްރޮސެސް ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ޝުޒާ ބުނީ، ތުރުކީގެ ''ފްލޯރިއާ މެޑިކަލް ޕާކް ހަސްޓަނޭސީ'' ހޮސްޕިޓަލްގެ ޚިދުމަތް ވަރަށް ރަނގަޅުކަމަށެވެ. ނަމަވެސް ޑޮކްޓަރުންނާއި ނަރުހުންނަށް އިނގިރޭސި ބަސް ނޭނގުމަކީ ދިމާވި ދަތިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. އަދި ހާމީއަށް ދިމާވި ސިއްހީ އެކިއެކި މައްސަލަތަކުގެ ސަބަބުން ވަރަށް ބޮޑަށް ހިތް ނުތަނަވަސް ކުރުވިއެވެ. ސްޓްރޮއިޑް ބޭނުންނުކޮށް ޓްރާންސްޕްލާންޓް ކުރުމަށް ޑޮކްޓަރުން ލަފާދެއްވިއިރު، ހާމީގެ ޕެންކްރިއަސް ދުޅަވެފައި، ފެންކްރިއަސްގައި ހިލަތަކެއް އުފެދިފައިވެއެވެ.
ފުރަތަމަ ޑޮކްޓަރު ލަފާ ދިނީ ޓްރާންސްޕްލާންޓް ހެދުމަށް. ހިލަ ހުރީމަ ސުވާލުކުރިން ކޮބައިތޯ ރަނގަޅު ގޮތަކީ. އެހެންމެ މަސައްކަތް ކުރީ ފުރަތަމަ ހިލަތައް ނެގޭތޯ. އީއާރްސީޕީ ކިޔާ ޕްރޮސީޖަރއެއް ބޭނުންކޮށްގެން ހިލަނެގޭތޯ ފުރަތަމަ މަސައްކަތް ކުރީ. އެކަން ނާކާމިޔާބުވުމުން އީއެސްޑަބްލިޔު ކިޔާ ޕްރޮސީޖާއަކުން ހިލަ ގޮއްވޭތޯ މަސައްކަތް ކުރި. ނަމަވެސް ހަފުތާއަކު ތިން ދުވަހު ޑަޔަލިސިސް ހަދަމުން ދިޔައިމަ ހާމީގެ ހަށިގަނޑަށް އިތުރަށް ވޭން ލިބުމުން ޑޮކްޓަރު ނިންމީ ފުރަތަމަ ޓްރާސްޕްލާންޓް ހެދުމަށް. ހޮސްޕިޓަލުގަ ހާމީ އެޑްމިޓްކުރީ 02 ފެބްރުއަރީ 2022ގަ. ދެން ހެދި ޓެސްޓުން ހާމީގެ އެންޓިބޮޑީސް ހުރީ ވަރަށް ހައިކޮށް، ޝޫގެ އެންޓިބޮޑީސްއަށްވުރެ ހައިވީމަ ޕްލާސްމަރ ފްރޮސެސްއެއްވެސް ހަދަން ޖެހުނު. ސިއްހީ ގޮތުން ވަރަށް ގިނަ ކޮމްޕްލިކޭޝަންތަކާ ކުރިމަތިލާން ޖެހުނު.އާއިޝަތު ޝުޒާ
ހާމީގެ އޮޕަރޭޝަން ކޮށްފައިވަނީ 08 ފެބްރުއަރީ 2022ގައެވެ. އެދުވަހުގެ ހަވީރު ޝުޒާގެ ކިޑްނީ ނެގުމަށް އޮޕަރޭޝަނަށް ވެއްދިއިރު ހާމީ ވެއްދީ އޭގެ ފަހުންނެވެ. ޝުޒާ އެރޭ 10:00 ހާއިރު ހޭއެރިއިރު އެރޭ 12:00 ހާއިރު ހިންގުވައި، ކާންދީފައިވެއެވެ. ލޯބިވާ ފިރިމީހާ ދެކިލުމަށް ކެތްމަދުވެފައި ޝުޒާ ހުރިނަމަވެސް ހާމީ އޮޕަރޭޝަނަށްފަހު ވެއްދީ އައިސީޔޫއަށެވެ. އެއީ ޝުޒާގެ ހިތަށް ލިބުނު ނުތަވަސްކަމެކެވެ. އެދުވަހު ޑޮކްޓަރުންގެ ޓީމުން ޝުޒާއަށް ބައްދަލުކޮށް، ހާމީ ރަނގަޅު ވާހަކައާއި އަދިވެސް އުންމީދީ ގިނަ ވާހަކަތައް ދެއްކިއެވެ.
އޮޕަރޭޝަނަށްފަހު ހާމީ ފުރަތަމަ ފެނުނު ވަގުތު ނޭނގެ އެ ވީ އިހުސާސް ކިޔައިދޭކަށް. އިތުރަށް އުންމީދު އާވި. ވަރަށް އުފާވި. ހުރެވުނު ބަލަހައްޓައިގެން ވަރަށް ގިނައިރު ވަންދެން.އާއިޝަތު ޝުޒާ
ޝުޒާ ހަތަރު ދުވަސްފަހުން ގެއަށް ދޫކޮށްލިއިރު، ހާމީ ދޫކޮށްލީ 12 ދުވަސް ފަހުންނެވެ. ޓްރާންޕްލާންޓަށްފަހު މަސްދުވަސް ތުރުކީގައި ހޭދަކުރުމަށްފަހު ދެމަފިރިން އައީ މާލެއަށެވެ. މިހާރު ރާއްޖޭގައި ތިބެގެން ޓެސްޓުތައް ހަދައި ގަވާއިދުން ދަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އުމުރު ދުވަހަށް ހާމީއަށް ބޭސްކާން ޖެހުނު ނަމަވެސް، މިއަދު ހާމީއަށް ވަނީ އުންމީދީ ދިރިއުޅުމެއް ލިބިފައެވެ. ފުރަތަމަ ޓްރާންސްޕްލާންޓާއެކު ގާތްގަނޑަކަށް ދުވާލަކު 12 ވަރަކަށް ބޭސްގުޅަ ކާންޖެހެއެވެ. ނަމަވެސް މިއަދު ހާމީ ބޭނުންކުރަމުންދަނީ 5 ބޭސް ގުޅައެވެ.
ކިޑްނީ ހަދިޔާކުރުމާއި ގުޅޭގޮތުން ޝުޒާ ބުނެފައިވަނީ އެއީ ކުރަން ރަނގަޅުކަމެއް ކަމަށާއި، ބިރު ގަންނަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެއީ ދެ ދުނިޔޭގައިވެސް ފައިދާކުރާނެ ކަމަކަށްވާއިރު، ކިޑްނީ ހަދިޔާކުރިނަމަވެސް ސިއްހީ ގޮތުން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާކަަމަށެވެ. ކިޑްނީ ހަދިޔާކޮށް، ބަލި މީހަކު ރަނގަޅުވުމުން އެލިބޭ އުފަލާ ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގޭކަން ޝުޒާ ފާހަގަކުރިއެވެ.
މިއަދު މިދެމަފިރިން ދަނީ އާމްދަނީ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގޭގައި ތިބެގެން އާޓިޓެކްޗަރަލް، އިންޓީރިއާ ޑިޒައިން އަދި ތުރީޑީގެ މަސައްކަތްތައް ކުރެއެވެ. ދަތިކަމަކަށްފަހު ފަސޭހަކަމެއް ލިބޭނޭ ބުނާ ބީދައިން މި ދެމަފިރިން ބުނެފައިވަނީ، އުނދަގޫވި ނަމަވެސް އެކަމަކާ ކެރިގެން ކުރިމަތިލުމަށެވެ. އަދި ޚާއްސަކޮށް ކިޑްނީ ޕޭޝަންޓުން އާއިލާގެ ތެރެއިން ބާކީނުކޮށް އެހީތެރިވުމަށްވެސް އެދިފައިވެއެވެ.
ޝުޒާއާއި ހާމީ ގާތްގަނޑަކަށް 5 މަސްދުވަހު ތުރުކީގައި ހޭދަކުރީ އާއިލާގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެއްބާލުމާއެކުއެވެ. ހާމީގެ މަންމައާއި ބައްޕަ އަދި ޝުޒާގެ މަންމައާއި ބައްޕައަށް މިއަދު އެ ދެމަފިރިން ތިބީ ޝުކުރު އަދާކުރާނެ ގޮތްވެސް ނޭނގިފައެވެ. ޚާއްސަގޮތެއްގައި ހާމީގެ ބޭބެއެއް ކަމަށްވާ އަހުމަދު ނަސީރު (އަހުމަދުބެ) ވެދިން އެހީތެރިކަން އެދެމަފިރިން ފާހަގަކުރިއެވެ. މީގެ އިތުރުންވެސް ނޭނގޭ ވަރަށް ގިނަ މީހުން އެހީތެރިވެފައިވެއެވެ.