ކ. މާލެ
|
5 ޖޫން 2023 | ހޯމަ 19:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ތިމާވެށީގެ ދުވަހު ރައީސް ދެއްވި ޚިތާބު
ތިމާވެށި ހިމާޔަތްކުރުމަކީ ދިރިއުޅުމުގެ އާދައެއްކަމުގައި ހެދުން ލާޒިމް: ރައީސް
ބިމުގެ ގުދުރަތީ ސިފަތަކަށާއި އޭގެ މާހައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުން
ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް
ތިމާވެއްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުންބޮޅުން ވިޔަ ނުދީ ރައްކާތެރިކުރުމަކީ ފަރުދީ ޒިންމާއެއް

މިއަދުގެ ހާލަތު އޮތް ގޮތުން، ތިމާވެށި ހިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއްކަމުގައި ހެދުމަކީ ލާޒިމްކަމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދުނިޔޭގެ ތިމާވެއްޓާއި ގުދުރަތީ ނިޒާމްތަކަށް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވީ، ބިމުގެ ގުދުރަތީ ސިފަތަކަށާއި އޭގެ މާހައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކަލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވެފައިވަނީ، ތިމާވެއްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުންބޮޅުން ވިޔަ ނުދީ ރައްކާތެރިކުރުމަކީ، ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ދުނިޔެއާއި ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކުގެ އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ނިންމަވައިލެއްވީ، ޕްލާސްޓިކުގެ އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހެދުމަށް އެދިވަޑައިގަންނަވަމުންނެވެ. މިގޮތުން، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ އުމުރުގެ މީހާއާ ހަމައަށްވެސް، ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް