ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަޣާވާތެއް ގެންނަން މަސައްކަތް ކުރާ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ކުރެއްވި ތުހްމަތަކީ ދޮގު އިލްޒާމެއްކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ހޯމަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ނައިބު ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންނަން އުޅެނީ ބަޣާވާތެއް ކަމަށާއި ޚާއްޞަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ފައިސާ ބޭނުން ކޮށްގެން ގެންނަ ބަޣާވާތެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްގެ އިސްތަށިފުޅުގައި ޕީޕީއެމްއިން އަޅުވަނީ އެއްވެސް ހަގީގަތެެއް ނެތް ދޮގު އިލްޒާމްތަކެއްކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހަތް މެންބަރަކު ވަނީ ހޯމަ ދުވަހު ޕީޕީއެމްއިން އިސްތިއުފާ ދެއްވާފައެވެ. އަދި ކުރިންވެސް އެޕާޓީން މެންބަރުންތަކެއް އިސްތިއުފާ ދެއްވާފައި ވުމުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އަތްމައްޗަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަނީ އެނބުރިފައެވެ.
ޕީޕީއެމްގެ މެންބަރުންތަކެއް އިދިކޮޅު ފަރާތްތަކާއި ގުޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކުރުމުގެ މައްސަލައިގާ ވަނީ ސޮއިކޮށްފައެވެ. އެމެންބަރުންގެ ސޮޔާއެކު ޖުމްލަ 45 މެންބަރުންގެ ސޮއި ހަމަވެފައިވަނިކޮށް ދައުލަތުގެ ބަންޑާރަނައިބު ވަނީ ޕާޓީގެ ވިސްނުމާ އިދިކޮޅަށް ކަންކުރާ މެންބަރުންގެ ގޮނޑި ގެއްލޭގޮތް ހެދުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.