ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ބުދަ ދުވަހު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ނަމަވެސް 9-16 ވަނަ ޓަވަރަށް މިހާރު ޚިދުމަތް ދެވިފައިވާކަމަށާއި އަދި 1-8 ވަނަ ޓަވަރަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި 2 ގަޑިއެއްހާއިރުވާނެ ކަމަށް ލަފާކުރެވޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި އެ މައްސަލަ ދިމާވި ސަބަބު ދެނެގަންނަން ކުރި މަސައްކަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންކަން އެނގިފައިވާ ކަަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯ އިން ބުނީ ކޭބަލް ރަނގަޅު ކުރާނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.
އަދި ކަރަންޓު ކެނޑުނު ވަގުތު ހިޔާ ސަރަހައްދުގެ ބެކްއަޕް ޖަނަރޭޓަރު ބޭނުންކޮށްގެން ކޮންމެ ޓަވަރަކުން އެއް ލިފްޓު މަސައްކަތްކޮށްފައިވެއެވެ.