ކ. މާލެ
|
30 މެއި 2023 | އަންގާރަ 12:21
އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއައް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން
އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖޭގެ ވިޔަފާރި މައި ބަނދަރު އެމްޕީއެލްއައް ކައިރިކުރުން --- ފޮޓޯ: ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
މޯލްޑިވްސް ސްޓޭޓް ޝިޕިންގ
އެމްއެސްއެސްގެ ފްލީޓަށް ބޯޓެއް އިތުރުކޮށް އުޅަނދަށް 11 މުވައްޒަފުން ހޯދަނީ
މިހާރު އެމްއެސްއެސްއިން ބޯޓު ދަތުރުކުރަނީ ހަމައެކަނި އިންޑިއާ އަދި ކޮލަންބޯއަށް
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ގެންނަ ބޯޓު ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރެވޭނެ

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ ފްލީޓަށް ބޯޓެއް އިތުރުކޮށް، އުޅަނދަށް 11 މުވައްޒަފުން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެސްއެސްއިން ބުނީ، އެ ކުންފުނީގެ ފްލީޓަށް އުޅަނދެއް އިތުރުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެ އުޅަނދުގައި މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެއީ އެމްއެސްއެސްގެ ލޯކަލް ޓްރާންސްޝިޕްމަންޓު ޚިދުމަތަށް ގެނައުމަށް ހަމަޖެހިފައިވާ ކޮންޓެއިނަރ ވެސަލްއެކެވެ.

އެމްއެސްއެސްއިން ވަނީ 11 ވަޒީފާއަކަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި މާސްޓަރ، ޗީފް އިންޖިނިޔަރ، ޗީފް އޮފިސަރ، ސެކަންޑް އިންޖިިނިޔަރ، ސީމަން، ޗީފް ކުކް، އޮއިލަރ އަދި ވެލްޑަރގެ ވަޒީފާ ހިމެނެއެވެ.

އެމްއެސްއެސް އަށް ކުރިއަށް އޮތްތަނުގައި އިތުރު ބޯޓުތައް ގެންނާނެކަމަށާއި، ޝިޕިންގ ފްލީޓް ބޮޑުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށް ވެސް ބޯޓެއް ގެންނާނެކަމަށާއި، އަދި އިތުރު ބޯޓުތައް ގަނެ ޚިދުމަތް ފުޅާކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްއެސްއެސްގެ ފްލީޓްގައި މިހާރު ވެސް ކޮންޓެއިނަރ ދެ ބޯޓެއް އެބައޮތެވެ. އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިއާއަށް ކުއްޔަށް ދީފައިވާއިރު، ކުންފުނިން އެހެން ބޯޓެއް ކުއްޔަށް ހިފާފައިވާކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.

ބަލްކް ކެރިއަރާއެކު ހަތަރު ބޯޓު އޮޕަރޭޝަންސްގެ ތެރޭގައި ގެންގުޅޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް ގެންނަ ބޯޓު ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިހާރު އެމްއެސްއެސްއިން ބޯޓު ދަތުރުކުރަނީ ހަމައެކަނި އިންޑިއާ އަދި ކޮލަންބޯއަށެވެ. ކުރިއަށް އޮތްތަނުގައި ހިދުމަތްތައް ފުޅާވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް