ކ. މާލެ
|
29 މެއި 2023 | ހޯމަ 13:49
އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި ތާރުއަޅާފައި
އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި ތާރުއަޅާފައި
އާރްޑީސީ
އަމީނީ މަގު ތާރުއެޅުން
އަމީނީ މަގުގެ އިތުރު ދެ ސެގްމެންޓެއްގައި ތާރުއަޅާ ނިމިއްޖެ
އަމީނީ މަގުގެ މަސައްކަތަކީ އުންމީދުކުރިވަރަށްވުރެ އުނދަގޫ މަޝްރޫއެއް
އާންމުންނަށް މަގު ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން

އަމީނީ މަގުގެ 6 އަދި 7 ވަނަ ސެގްމެންޓުގައި ތާރުއަޅާ ނިމިފައިވާކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ބުނީ، އާންމުންނަށް މަގު ހުޅުވާލާނީ ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުން ކަމަށެވެ.

އާރްޑީސީން ބުނީ، އަމީނީ މަގުގެ މަސައްކަތަކީ އުންމީދުކުރިވަރަށްވުރެ އުނދަގޫ މަޝްރޫއެއްކަމަށެވެ. އެމަގުގެ އަޑީގައި އުރީދޫ، ދިރާގު، އަދި ސްޓެލްކޯގެ ކޭބަލްތައް ވަޅުލާފައިވާއިރު، މަސައްކަތް ކުރިއަށްގެންދަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި، ކޭބަލަކަށް މައްސަލައެއް ދިމާވެއްޖެނަމަ ރާއްޖޭގެ މުހިންމު އިދާރާތަކުގެ ނެޓްވޯރކްތަކަށް ބުރޫއަރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދަނީ އެންމެންނަށް ބޭނުންކުރެވޭހެން ރައްކާތެރިކޮށްކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު އަމީނީ މަގު ބޭނުންކުރެވޭނެއެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މީގެތެރެއިން ފުރަތަމަ 3 ސެގްމަންޓްގައި ތާރުއެޅުމުގެ ހުރިހާ މަސައްކަތްތައް ނިންމައި، މިހާރު ދަނީ އެ ސަރަޙައްދު ބޭނުންކުރަމުންނެވެ.

އެންމެ ޒަމާނީ ފެންވަރަށް އަމީނީމަގު ޑިޒައިންކުރެވިގެންދާއިރު، މަގުގެ ފެންހިންދާ ނިޒާމް ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ، އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ މި މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ، އަށްޑިހަ ތިން ލާރިއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 210 ދުވަސް ނުވަތަ ހަތް މަސް ދުވަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް