މި އަހަރު ރާއްޖޭން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންނަ ޖޫން 12 ވަނަ ދުވަހު މައްކާއަށް ފުރާ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 296 ޙައްޖާޖީންނެވެ.
މި އަހަރު ރާއްޖޭން މީހުން ޙައްޖަށް ގެންދަން ހުއްދަ ދީފައިވާ އެހެން ގްރޫޕްތަކުގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 87 މީހުން ފުރާނީ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ.
ހަރަމައިން ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 87 މީހުން ފުރާނީ ޖޫން 16ވަނަ ދުވަހުގައެވެ. އަދި, މަނާސިކް ގުރޫޕްގެ ހަވާލުގައި ޙައްޖަށްދާ 85 މީހުން ފުރަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ. ބާކީ ހުރި ކޯޓާތައް ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.
މީލާދީ ކަލަންޑަރުގައި މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 27 ވަނަ ދުވަހެވެ.