ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތިން ދައުވާ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށްޓައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީސް މެދުކަނޑާލައިފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
މި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން މިއަދު މެންދުރު ފަހު ކުރިއަށް ގެންދެވިއިރު ގާސިމްގެ ދިފާއީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ދަށުން އެ ތިން ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ލިބޭ ފުރުސަތުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިންކާރުކޮށްފި ނަމަ ހުށަހެޅިފައިވާ ދައުވާއަށާއި އެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިއާޔަތްކުރާއިރު ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް މަދަނީ މިންގަނޑަށް ބަލާއިރު ފަނޑިޔާރަށް ގަބޫލު ކުރެއްވިއްޖެ ނަމަ އެ ދައުވާ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ އެއީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅަން ވާނެ އެވެ.
ހިސާން ވިދާޅުވީ ގާސިމްގެ މައްޗަށް ހުށަހަޅާފައިވާ ތިން ދައުވާ ވެސް ސާބިތު ކުރުމަށް ހުށަހަޅާފައި ވަނީ އެއް ހެކިތަކެއް ކަމަށާއި އެއީ މަދަނީ މިންގަނޑުން ބަލާއިރު ވެސް ދައުވާ ކުރިއަށް ގެންދެވިދާނެ ސަބަބެއް ނޫން ކަމަށެވެ.
އިޖުރާއީ އެ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ އެ ގާނޫގައި ބުނާ ގޮތުން މައްސަލަ ބޭރު ކޮށްލުމުގެ ބާރު ލިބިފައިވަނީ ފަނޑިޔާރުންނަށް ކަމަށްވާތީ އިތުރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
އެހެން ކަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލާގައި ހުށަހަޅާފައިވާ އިތުރު ހެއްކެތް ވޭތޯ ސާފުކޮށްފަ އެވެ. އެ ތިން ދައުވާ ވެސް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ގާސިމް ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިންނާއި ގާސިމް ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި ގާސިމްގެ އޯޑިއޯ އެނަލިސިސް ރިޕޯޓު ހުށަހަޅާފަ އެވެ.
މީގެ އިތުރުން ގާސިމް މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ ކުރުމަށް ހަވާލާދީފައިވާ ގާނޫނުލް އުގޫބާތުގެ 140 ވަނަ މާއްދާއިން އެ ދައުވާ ނުކުރެވޭނެ ކަމަށް ގާސިމްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ގާސިމްގެ ދިފާއީ ވަކީލުން ފާހަގަ ކުރައްވާ ގޮތުގައި އެ 140 ވަނަ މާއްދާގައި ވަނީ އާންމު ވޯޓަށް ނުފޫޒު ފޯރުވުމުގެ ވާހަކަ އެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގެ ވާހަކަ އޭގައި ނުހިމެނޭނެ އެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ އެ މާއްދާއާ ހަވާލާދީ އެ ދައުވާ ކުރެވިދާނެ ކަމަށް ވިދާޅުވެ އެކަން ދިފާއުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
މިއަދުގެ ޝަރީއަތް 7.00 ގައި ބާއްވާއިރު ގާސިމްގެ ދައުވާތައް ބޭރުކޮށްލުމާއިމެދު ގޮތެއް ކަނޑައެޅިގެންދާނެ އެވެ.