ކ. މާލެ
|
26 މެއި 2023 | ހުކުރު 07:54
މާލެ ސިޓީ ކައުންސިލާއި ޗައިނާގެ ޕިންގްޓަން ސިޓީއާއެކު ކުރިޔަށްދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީ ކައުންސިލާއި ޗައިނާގެ ޕިންގްޓަން ސިޓީއާއެކު ކުރިޔަށްދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މާލޭ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުން
މާލޭ ސިޓީ ކައުންސިލުން ޗައިނާގެ ޕިންގްޓަން ސިޓީއާއެކު މަޝްވަރާކޮށްފި
ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީ ކުރެވެމުންދާ ތަނެއް
ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން އެހީތެރިކަމާއި އެއްބާރުލުން ދޭނެ

ދިވެހިރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޗައިނާގެ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދު މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި މާލޭ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ޕިންގްޓަން ކޮމްޕްރިހެންސިވް ޕައިލެޓް ޒޯން ތަމްޞީލުކުރާ މި ވަފުދަށް މަރްޙަބާ ވިދާޅުވީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން ('ސިސްޓަރ ސިޓީ' އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކަރައްވާ، ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާލެސިޓީ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކާއި ތަޞައްވުރު ބަޔާންކުރައްވާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ޗައިނާއިން ގިނަގުނަ އެހީތަކެއް މާލެސިޓީ ކައުންސިލަށް ފޯރުކޮށްދެމުންދާކަން އުފަލާއި ޝުކުރުވެރިކަމާއެކު ހާމަކުރައްވާފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި މިބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި، މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެބޭފުޅުން ޝައުޤުވެރިވާކަން ފާހަގަކުރެއްވިއެވެ. އަދި، މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވިކަމަށް ބަޔާންކުރެއްވިއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މާލޭ ސިޓީގެ މޭޔަރު ވާހަކަފުޅު ދެއްކެވިއެވެ. 2013 އިން 2018 އާ ދެމެދު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވުނުކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަކަމަށާއި، ޗައިނާއާ ގާތުން މަސައްކަތްކުރުމަށް އަބަދުވެސް ޙާއްޞަ އިސްކަމެއް ދެއްވަމުންދާކަމަށެވެ.

ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާ، މިސްޓަރ ޖުން ލައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ތަޖުރިބާއިން އެބޭފުޅުން ހިތްވަރު ހޯއްދަވައި މަޢުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެސިޓީގެ އެކި ކަންކަން ތަރައްޤީކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޞޫލުތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލާ ޙިއްޞާކޮށް، ސިޓީ ކައުންސިލްގެ ޚިދްމަތްތައް ހަރުދަނާކުރުމަށް ޕިންގްޓަން އިން އެހީތެރިވެދެވިދާނެ ދާއިރާތައް ކަނޑައަޅުއްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޕިންގްޓަންގެ ވަފުދުގައި، އެސިޓީގެ ޚާރިޖީ ގުޅުންތަކާއި، ގެދޮރުވެރިކަން، މުނިސިޕަލް ޚިދްމަތްތައް، ފަތުރުވެރިކަން، ސަޤާފަތް އަދި މޫދު ކުޅިވަރު ފަދަ ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް