ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އަށް ރައްޔިތުންގެ މަޖިލޫހުގެ މެޖޯރިޓީ ގެއްލިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން އިސްތިއުފާ ދެއްވަމުންނެވެ.
ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީން ވެކިވެފައި މިވަނީ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ އަދި ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރަކު ތަމްސީލް ކުރައްވާ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.
މަޖިލީހުގެ ވެބްސައިޓުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕާޓީތަކުން މެމްބަރުން ތަމްސީލް ކުރާ ގޮތަށް ބަލާއިރު ސަރުކާރު ހިންގާ ޕީޕީއެމްގައި ތިއްބެވީ 48 މެމްބަރުންނެވެ. އަދި ކޯލިޝަން ޕާޓީ އެމްޑީއޭގައި ތިއްބެވީ ހަ މެމްބަރުންނެވެ. އެހެން ކަމުން ސަރުކާރު ކޯލީޝަންގައި މިހާތަނަށް މަޖިލީހުގެ 54 މެމްބަރުން ތިއްބެވިއެވެ.
އިދިކޮޅު އެމްޑީޕީގައި 21 މެމްބަރުން ތިއްބަވާއިރު ޖުމްހޫރީ ޕާޓީގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އަދި އަދާލަތު ޕާޓީގެ އެއް މެމްބަރަކު މަޖިލީހުގައި ހިމެނިވަޑައިގަންނަވާއިރު މިނިވަން ދެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އެހެން ކަމުން އިދިކޮޅު މެމްބަރުންގެ ގޮތުގައި މިހާތަނަށް މަޖިލީހުގައި ތިއްބެވީ 29 މެމްބަރުންނެވެ.
ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މަޖިލީހުގެ މެމްބަރުންގެ ގޮޑި ގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އާއި އަދި ޕީޕީއެމް ކޯލިޝަން ތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން އިދިކޮޅާ ގުޅުމުން ސަރުކާރު ކޯލިޝަނަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ.
އެގޮތުން މިހާރު ޕީޕީއެމް އިން މިހާތަނަށް 14 މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު ކޯލީޝަން ޕާޓީ އެމްޑީއޭ އިން ވަނީ އެއް މެމްބަރަކު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު ޕީޕީއެމް ކޯލިޝަންގައި ޖުމްލަ ތިއްބެވީ 40 މެމްބަރުންނެވެ.
ސަރުކާރު ހިންގާ ޕީޕީއެމް އިން 14 މެމްބަރުން އިސްތިއުފާ ދެއްވުމުން އިދިކޮޅުފަރާތްތަކުގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 44 އަރާފައެވެ.
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައާއި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ޕީޕީއެމް ކޯލިޝަނުން އިސްތިއުފާ ދެއްވި މެމްބަރުންނާއި ވަކިކުރެއްވި މެމްބަރުންނަކީ
- މައްޗަަންގޮޅި ދެކުނު ދާއިރާ، އަބްދުﷲ ސިނާން
- އިހަވަންދޫ ދާއިރާ، މުހައްމަދު އަބްދުﷲ
- ދިއްދޫ ދާއިރާ، އަބްދުލް ލަތީފް މުހައްމަދު
- ހަނިމާދޫ ދާއިރާ، ހުސައިން ޝަހުދީ
- މަޑުއްވަރީ ދާއިރާ، މުހައްމަދު އަމީތު
- ތުލުސްދޫ ދާއިރާ، މުހައްމަދު ވަހީދު އިބްރާހީމް
- ދަނގެތި ދާއިރާ، އިލްހާމް އަހްމަދު
- ދިއްގަރު ދާއިރާ، އަހްމަދު ފާރިސް
- ތިމަރަފުށީ ދާއިރާ، މުހައްމަދު މުސްތަފާ
- ވިލިނގިލީ ދާއިރާ، ސައުދު ހުސައިން
- ތިނަދޫ އުތުރު ދާއިރާ، ސައުދުﷲ ހިލްމީ
- ތިނަދޫ ދެކުނު ދާިއރާ، އަބްދުﷲ އަހްމަދު
- ގަލޮޅު ދެކުނު ދާއިރާ، އަހްމަދު މަހްލޫފް
- ނޮޅިވަރަމް ދާއިރާ، ހުސައިން އަރީފް (އެމްޑީއޭ)
- މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނުން 15 މެންބަރަކު ވަކިވެފައިވާ އިރު މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ލިސްޓްގައި 45 މެންބަރަކު ސޮއިކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 11 މެންބަރަކު ސޮއިކުރައްވާފައިވާ އިރު އެމްޑީޕީގެ މެންބަރެއް ކަމަށްވާ ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ސޮއެއް ނުކުރައްވައެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު ގާރީ އަހްމަދު ރަޝީދު ފިޔަވައި އެހެން އެއްވެސް މެންބަރަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. ނަމަވެސް މި މެންބަރުންގެ ތެރެއިން މިހާތަނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ޕާޓީން ވަކިވިކަން އިއުލާންކުރައްވާފައެއް ނުވެއެވެ.
އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދައިފި ނަމަ އަހްމަދު ނިހާން ހުސައިން މަނިކަށް މެޖޯރިޓީ ލީޑަރުކަން ވެސް ގެއްލޭނެއެވެ. ނިހާން ވަނީ އެކަން ގަބޫލުކުރައްވައި ޓްވީޓް ވެސް ކުރައްވާފައެވެ.