ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި ކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 14 ނޮވެމްބަރު 2022 ގައި ހަކުރުބައްޔަށް ސްކްރީން ކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް މުޅި ރާއްޖޭގައި ވަނީ ހިންގާފައިވެއެވެ. މި ސްކްރީންނިންގ ޕޮރޮގްރާމްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ 16 އަހަރުން މަތީގެ އާބާދީގެ 10717 މީހުން ވަނީ ބައިވެރިވެފައެވ.ެ މިގޮތުން މި ސޮސައިޓީގެ 23 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިސްކްރީނިންގތަކުގެ ނަތީޖާ ވަނީ ހިއްސާކޮށްފައެވެ.
މި ސްކްރީނިންގ ޕްރޮގްރާމްތަކުގައި މައިގަނޑުގޮތުގައި ބެލެވިގެން ދިޔައީ ހަކުރުބައްޔަށް ސްކްރީންކުރުމާއި އަދި ގައިންގަޔަށްނާރާ އެހެނިހެން ބަލީގެ ހިރާސްތަކެވެ. މީގެ ތެރޭގައި ހަށިގަނޑުގެ މިންތައް، ދިރިއުޅުމުގެ ވައްޓަފާޅި އޭގެ ތެރޭގައި ކެއުން ބުއިމުގެއާދަތަކާއ،ި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން އަދި ހަކުރުބަލީގެ މިހާރުގެ ހާލަތާއި ގައިންގަޔަށް ނާރާ އެހެންނިހެން ބަލިތައްހުރި މިންވަރާއިބެހޭ މައުލޫމާތު ނެގިގެން ދިޔައެވެ.
މިޗެކްކުރެވުނު މިންތަކާއި މައުލޫމާތުތަކުގެ އެހީގައި ހަކުރުބަލި ޖެހުމުގެ ފުރުސަތުބޮޑު މިންވަރު ބެލިފައިވެއެވެ. މިގޮތުން މިހިރާސްތައް ކުޑަކުރުމަށްޓަކައި ދިރިއުޅުމުގެ ކަންކަން ރަނގަޅު ގޮތުގައި ބައްޓަންކުރަންވީ ގޮތުގެ މައުލޫމާތު ސިއްޙީ މާހިރުންގެ ލަފާއާއި އިރުޝާދު ދެވިގެންދިޔައެވެ. މިތަފާސް ހިސާބުތަކުންދައްކައިދެނީ މުސްތަގްބަލްގައި ރާއްޖެގެ ސިއްޙީ ހާލަތު އޮތީ ވަރަށްވެސް ނުރައްކާތެރި ހާލަތެއްގައިކަމަށް ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެއެވެ.
މި ސްކްރީން ޕްރޮގްރާމް ހިންގާފައިވަނީ 16 އަހަރުން މަތީގެ ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން، 2022 ނޮވެމްބަރުން ޖެނުއަރީ 2023 އަށެވެ. މި ސްކްރީނިންގެ މަގްސަދަކީ ހަކުރު ބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، އާންމުންގެ ތެރެއިން ނުރައްކާ ބޮޑީ ކޮން ބަޔަކަށްތޯ ބަލާ މައުލޫމާތު އެއްކުރުމާއެކު ބަލިން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ކިޔައިދިނުމެވެ. އަދި ހަކުރު ބަލީގެ މީހުން ބަލި ކޮންޓްރޯލް ކުރުމަށާއި، ބައްޔާއެކު އާދައިގެ ދިރިއުޅުމެއް އުޅޭނެ ގޮތްތައް ކިޔައިދިނުންވެސް ހިމެނެއެވެ.
އަދި ސްކްރީނިން ޕްރޮގްރާމުގައި ހަކުރު ޗެކްކުރުމުގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ހިރާސްތަކުގެ ތެރޭގައި ހިމެނޭ ހަށިގަނޑުގެ މިންތައް، ދިރިއުޅުމުގެ ވައްޓަފާޅި، އާއިލާގައި ބަލިހުރި މިންވަރު އަދި ކުރިންސުރެ ހުރި ބަލިތަކާއި ބެހޭގޮތުން މައުލޫމާތު އެއްކުރެވިފައިވެއެވެ.
މި ސްކްރީނިންގެ ތެރެއިން 10023 މީހުންގެ މައުލޫމަތު އެނަލައިޒް ކުރެވުނެވެ. ސްކްރީން ކުރެވުނު އާބާދީގެ 3 ބައިކުޅަ އެއްބަޔަކީ ފިރިހެނުން އަދި އަނެއް ދެބަޔަކީ އަންހެނުންނެވެ. ގިނަ އަދަދެއްގެ ޒުވާނުން ސްކްރީނިންގް ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.
ހަކުރު ބަލި ހުރި ކަން ޔަގީންވާ މީހުންގެ އާބާދީ އަކީ 11.8 އިންސައްތަ ކަމަށް މި ސްކްރީންގެ ނަތީޖާތަކުން ދައްކައެވެ. އަދި ހަކުރު ބަލި ހުރިކަން ނުވަތަ ނެތްކަން، ނޭނގޭ މީހުންގެ އާބާދީ އަކީ 10.2 އިންސައްތައެވެ. އަދި ހަކުރު ބަލި ނެތްކަމަށް ބުނެފައިވަނީ 78 އިންސައްތަ މީހުންނެވެ. އަންހެނުން އަދި ފިރިހެނުންގެ ނިސްބަތަށް ބަލާއިރު ހަކުރު ބަލި ހުރީ އަންހެނުންގެ 12.1 އިންސައްތަ އަދި ފިރިހެނުންގެ 11.4 އިންސައްތަ މީހުންގެއެވެ. ފިރިހެނުންގެ ގިނަ ބައެއްގެ ހަކުރުބަލީގެ ހާލަތު ނޭނގޭ ކަމަށް ބުނެފައިވެއެވެ. އަދި އުމުރު މަތިވާ ވަރަކަށް ހަކުރު ބަލި އިތުރުވާކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން ފަރުވާ ކުރާ މީހުންގެ ނިސްބަތަށް ބަލާއިރު 15 އިންސައްތަ މީހުން ބޭސް ބޭނުން ނުކުރެއެވެ. ހަކުރަބަލި ހުންނަ ކޮންމެ 10 މީހުންގެ ތެރެއިން 1 މީހަކު އިންސިއުލިން ނަގާ ކަމަށް މި ސްކްރީނިންގައި އެއްކުރުވުނު މައުލޫމާތުން އެނގެއެވެ. އަދި ހަކުރު ކޮންޓްރޯލް ވެފައި ތިބި މީހުންގެ ނިސްބަތަށް ބަލާއިރު، އޭގެ ތެރޭގައި ހަތަރުބައިކުޅަ އެއްބައި އަންހެނުންގެ ހަކުރު ބަލި ކޮންޓްރޯ ނުވާ ކަމަށާއި، ފިރިހެނުންގެ 3 ބައިކުޅަ އެއްބައިގެ ހަކުރު ކޮންޓްރޯލް ނުވާ ކަމަށް ނަތީޖާއިން ދައްކައެވެ.
މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށްވުރެ، އުމުރުން ޒުވާން މީހުންގެ ހަކުރު ކޮންޓްރޯލް ނުވާކަމަށް ސްކްރީންގެ ނަތީޖާއިން ދައްކައެވެ. އަދި ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތީގައި ހަކުރު ހުރިކަމަށް ދައްކާފައިވެއެވެ. މިއީ ހަކުރު ބަލި ނެތްކަމަށް ބުނި މީހުންގެ ނިސްބަތެވެ. މީގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ 9.2 އިންސައްތަ އަދި ފިރިހެނުންގެ ނިސްބަތަކީ 16.2 އިންސައްތައެވެ.
އަންހެނުންގެ ތެރެއިން މާބަނޑު ދުވަސްވަރުގައި ހަކުރު ހުރިކަމަށް ސްކްރީން ކުރެވުނު މީހުންގެ ތެރެއިން 8.8 އިންސައްތަ މީހުން ބުނެފައިވަނީ މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިޔަކަމަށެވެ.