ކ. މާލެ
|
23 މެއި 2023 | އަންގާރަ 22:26
އޭސީސީއާއި އެމްއޭސީސީގެ އިސް ބޭފުޅުން
އޭސީސީއާއި އެމްއޭސީސީގެ އިސް ބޭފުޅުން
އޭސީސީ
އެންޓި ކޮރަޕްޝަން ކޮމިޝަން
މެލޭޝިއާއާއި ރާއްޖޭގެ އޭސީސީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މިއީ އޭސީސީގެ ދައުވަތަކަށް އެމްއޭސީސީގެ އިސްބޭފުޅުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއް

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)ގެ އިސްވެރިން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

އެމްއޭސީސީން ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިސްވެރިންގެ މެދުގައި އަންގާރަ ދުވަހު ވަނީ ރަސްމީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މާގިރި ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންވެފައިވާ ގޮތުގެ މައުލޫމާތާއި، ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޖުރިބާ, އަދި ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމާމެދު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރު މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ކަމަށާއި، އެ ފަހުމުނާމާގެ ދަށުން އެމްއޭސީސީފަދަ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ގިނަ ދުވަސްވީ މުއައްސަސާއަކާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިގެންދާކަމީ އޭސީސީއަށް ލިބިގެންދާ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުން ގުޅިގެން ކުރެވޭ މަސައްކަތުގައި މިހާރުވެސް ހެޔޮ ނަތީޖާ ފެންނަން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި އެމްއޭސީސީގެ ވަފުދުގެ އިސްކޮށް ވަޑައިގެންނެވި، އެ ކޮމިޝަނުގެ އިންޓެލިޖެންސް ޔުނިޓުގެ ޑެޕިއުޓީ ޑައިރެކްޓަރު، ގަލަން ދެއްކެވި ވާހަކަފުޅުގައި އޭސީސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި އެމްއޭސީސީން ފަންނީގޮތުން ތަފާތު އެހީތައް ދެވިދާނެކަން ފާހަގަކުރައްވައި، ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އޭސީސީގެ ދައުވަތަކަށް މިމަހުގެ 22ން 26ށް މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވަފުދުން ކުރަމުންގެންދާ ޒިޔާރަތުގައި، އިންޓެލިޖެންސް ބޭސްޑް އިންވެސްޓިގޭޝަން ޓްރެއިނިންގއެއް ބުދަދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެއެވެ. އެމްއޭސީސީގެ ތަޖުރިބާކާރު ބޭފުޅުން ކިޔަވައިދެއްވާ މި ޓްރެއިނިންގގައި އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރާ އެކި އިދާރާތަކުގެ މުވައްޒަފުން ބައިވެރިވާނެކަމަށް އޭސީސީން ބުނެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް