ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 10:50
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
ފެނަކަ ކޯޕްރޭޝަންގެ އެމްޑީ އަހުމަދު ޝަރީފް
މިހާރު
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕްރޭޝަންގެ މައްސަލައެއް އަނެއްކާވެސް އޭސީސީއަށް
އޭސީސީއަށް ހުށަހަޅާފައި ވަނީ ފެނަކައިން ހިންގާ އިންޖީނުގެތަކަށް ފަޔަރ އެލާމް ހޯދުމުގެ މައްސަލަ
މައްސަލަ އާއި ގުޅޭ ލިޔުންތައް ފެނަކައިން ވަނީ އޭސީސީއަށް ފޮނުވާފައި
އޭސީސީ އިން ދަނީ މައްސަލަ ތަހުގީގު ކުރަމުން

 ފެނަކަ ކޯޕްރޭޝަންގެ މައްސަލައެއް އަނެއްކާވެސް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ އާއި ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކީ ފެނަކައިން ހިންގާ އިންޖީނުގެތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ފަޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ބިޑް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ހިންގާ 150 އަށް ވުރެ ގިނަ އިންޖީނުގެތަކަށް ބޭނުންވާ ފަޔަރ އެލާމް ސިއްޓަމްތައް ހޯދުމަށް އިއުލާން ކުރެވުނު ގޮތާއި އަދި ބިޑްކުރެވުނު މަރުހަލާގައި ކަންތައްތައް ހިނގާދިޔަ ގޮތުގެ ތަފްސީލް ފޮނުވުމަށް އޭސީސީގެ ފަރާތުން ވަނީ ފެނަކައަށް އަންގާފައެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ފެނަކައިގެ އިންޖީނުގެތަކަށް ބޭނުންވާ ފެޔަރ އެލާމް ސިސްޓަމްތައް ހޯދުމަށް ފެނަކައިން ފުރަތަމަ ކުރި އިއުލާނަކީ އެމްއެންޑީއެފް އިން ދީފައިވާ މިންގަނޑުތަކަށް ނުފެތޭ އިއުލާނަކަށް ވާތީ ފުރަތަމަ ކުރި އިއުލާނާއި އަދި އެ އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތައް ވެސް ބާތިލް ކުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން ދެވަނަ ފަހަރަށް އިއުލާން ކޮށްގެން ބަޔަކު ނެގުމަށް ފަހު ބިޑް އިވެލުއޭޝަން ބޯޑަށް ފޮނުވުމުން ހުށަހަޅާފައިވާ އަގު ބޮޑު ކަމަށް ބިޑް އިވެލުއޭޝަން ބޯޑުން ނިންމައި އަލުން ރީޓެންޑާ ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީން އެންގި ގޮތަށް އަލުން އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފެނަކައިގެ އިންޖީނުގެތަކަށް ފަޔަރ އެލާމް ސިސްޓަމް ގަތުމަށް ބިޑްކުރި ގޮތާ ގުޅޭ ގޮތުން އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ އެންމެ ފުރަތަމަ ކުރި އިއުލާން ބާތިލް ކޮށްފައިވަނިކޮށެވެ. އަދި ޝަރީފް ވިދާޅުވީ އޭސީސީއަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އޭސީސީން ފޮނުވުމަށް އެންގި ލިޔެކިޔުންތައް ފެނަކައިގެ ފަރާތުން އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އޭސީސީ އިން މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެހެން ކަމުން މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

 

 

- ކޮމެންޓް