ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އަށް އަންގައިފި އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުކުރަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ބާރީ ހާޒިރުކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނީ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.
އާދީއްތަ ދުވަހު ޖޭއެސްސީގެ ބައްދަލުވުމެއް ބޭއްވި އިރު އެ ކޮމިޝަނުގެ ރައީސް އަލީ ހަމީދު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކްރިމިނަލް ކޯޓްގެ އިސްގާޒީ މަގާމަށް ބާރީ ހަމަޖައްސަވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. ގާޒީ ބާރީ އެ މަގާމަށް ހަމަޖައްސަވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމަށް ފަހު އެވެ.
ޖޭއެސްސީއަށް ހޯމަ ދުވަހުގެ ހެނދުނު ގާޒީ ބާރީ ހާޒިރުކުރާއިރު، ހޯމަ ދުވަހު މެންދުރު 1:30 އަށް ތާވަލުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ގާޒީ ބާރީ އެވެ.
ޖޭއެސްސީއަށް ގާޒީ ބާރީ ހާޒިރުކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.