އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ސިފައިންގެ މައްޗަށް ކުރިހޯދާ އާބަންކޯ ފައިނަލަށް ދިޔައިރު، ތިންވަނަ ސެމީއަށް ސިފައިންނާއެކު ވެމްކޯ ދަތުރުކޮށްފިއެވެ.
ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ބައްދަލުކުރީ ދެ ގުރޫޕުގެ ދެވަނަ ޓީމެވެ. އެއީ ވެމްކޯ އާއި ފުލުހުންގެ ޓީމެވެ. ފުލުހުންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާ، ވެމްކޯ ވަނީ ތިންވަނަ ސެމީއަށް ދަތުރުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު 25-19 އިން ވެމްކޯ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ފުލުހުން ގެންދިޔައީ 25-21 ގެ ނަތީޖާއަކުންނެވެ. ދާދި ހަމަހަމައަށް ދިޔަ ތިންވަނަ ސެޓު ނިމުނީ 23-25 އިން ވެމްކޯ ކުރިހޯދައިގެނެވެ. ފޯރިގަދަކޮށް ދިޔަ ހަތަރު ވަނަ ސެޓު 25-27 އިން ކާމިޔާބުކޮށް ވެމްކޯ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެމްކޯގެ ޖާޒީ ނަންބަރު ހަތެއް، ވިނީތު ކުމާރެވެ.
ދެވަނަ ސެމީގައި ބުދަ ދުވަހުގެ ރޭގައި ބައްދަލުކުރީ ދެ ގުރޫޕުގެ ވެސް އެއްވަނަ ޓީމެވެ. ސިފައިންނާއި އާބަންކޯ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އާބަންކޯއިންނެވެ. މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސިފައިންގެ ޓީމުން ގެންދިޔަނަމަވެސް، އާބަންކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ވިދިވިދިގެން ތިން ސެޓު ނަގާ މެޗު ކާމިޔާބުކޮށްފައެވެ. އާބަންކޮއިން ސެޓުތައް ގެންދިޔައީ 25-20، 28-26 އަދި 25-23 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާބަންކޯގެ ޖާޒީ ނަންބަރު 14، ލަސިންދު މެތުމަލްއެވެ.
ސިފައިންނާ ވެމްކޯ ބައްދަލުކުރާ ތިންވަނަ ސެމީ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު 20:30 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި އާބަންކޯއާ ބައްދަލުކުރާނީ ހޮނިހިރު ދުވަހުގައެވެ.
ހުޅުމާލޭ ވޮލީކޯޓުގައި ފެށި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ތިން ސެމީ އާއި ފައިނަލް މެޗު ޒުވާނުންގެ މަރުކަޒުގެ ކޯޓަށް ބަދަލުކުރަން ޖެހުނީ މޫސުން ގޯސްވެ، މެޗުތައް ކުޅެވޭވަރު ނުވުމުންނެވެ.