ކ. މާލެ
|
17 މެއި 2023 | ބުދަ 08:13
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް
ރައީސް އޮފީސް
ގޯލްޑް 100 ގާލާ
ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ: ނާއިބު ރައީސް
އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދުވެސް ދޭ ކަމަށާއި ސަރުކާރުން ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ޔަޤީންކޮށްދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔެއެއްގައި، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ކާމިޔާބީތައް ހޯދުމަށް، ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށް ވެސް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ގޮވާލައްވާފައެވެ.

މި ޙަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި އޭޑީކޭ ގުރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަޙްމަދު ނާޝިދަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ. "ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ޙަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ޙަވާލުކޮށްފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއާމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީއީއޯ އިންނާއި، ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް