ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު މުބީން، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ މިހާރުގެ ކެޕްޓަން އައްސަދު ޢަލީ (އަޑުބަރޭ)ގެ އަނގަމަތީގައި ޖައްސަވައިފި ކަމަށް އޭނާ ބުނެފިއެވެ.
ރާއްޖެ އެމްވީއާ މި ހާދިސާއާ ގުޅިގެން ވާހަކަ ދައްކަމުން އައްސަދު ބުނީ މުބީން އޭނާގެ އަނގަމަތީގައި ޖައްސަވާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތު ލޯކަލްމާރުކޭޓް ތެރޭގައި ހުއްޓާ ކަމަށެވެ.
އައްސަދު ބުނީ މެންބަރު މުބީން އޭނާގެ އަނބިކަންބަލުންނާއި ދަރިފުޅާއެކު ލޯކަލް މާރުކޭޓް ތެރޭގައި އުޅުއްވަނިކޮށް، ދައުލަތުގެ ނުހައްޤު ފައިސާގައި ބަޔަކު އުޅޭކަމަށް އައްސަދު ބުނުމާއެކު މުބީން ޒުވާބު ކުރައްވަން ފެއްޓެވިކަމަށެވެ. އެގޮތުން ވައްތަރު ވައްތަރުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި މިއީ އަހަރެމެންގެ ސަރުކާރެއްކަމާއި އުޅޭނީ ބޭނުން ގޮތަކަށް ކަމަށް ވިދާޅުވި ކަމަށެވެ.
ޖަވާބުގައި މުބީންއޭ ތިމަންނާ އަދި ނުކިޔަން ކަމަށާއި ތިޔަހާ އަވަހަށް މަތިންބައި ޖެހެން ނުޖެހޭނެޔޭ ބުނުމުން އިތުރަށް ކޯފާ ވެވަޑައިގެންނެވިކަމަށެވެ. އެވަގުތު ލޯކަލް މާރުކޭޓުގައި ތިބި ގިނަ މީހުން މުބީންއާ ދެކޮޅަށް ހޯއްގޮވާ އަޑުގަދަކޮށް ވަގަށްވެސް ގޮވުމާއެކު މުބީން އައްސަދުގެ އަނގަމަތީގައި ޖެއްސެވިކަމަށް އޭނާ ބުންޏެވެ.
އައްސަދު ބުނީ މުބީން އޭނާގެ އަނގަމަތީގައި ޖެއްސެވިތަން ފެންނާނެ ކިތަންމެ ބަޔަކު ލޯކަލް މާރުކޭޓުގައި އެވަގުތު ތިބޭނެ ކަމަށާއި އެހެންނަމަވެސް މިޤައުމުގައި ކަންކަން ހިނގާގޮތުން ފުލުހުންނަށް އެމައްސަލަ ހުށަހަޅަން ގަސްދު ނުކުރާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެ ޓީވީން ސުވާލު ކުރުމުން މެންބަރު މުބީން ވިދާޅުވީ އައްސަދު ގައިގާ ޖެހިކަމަށް ބުނެ އޭނާ އެހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މުބީންވެސް އޭނާވެސް ހުރީ މާރުކޭޓުގައި ކަމަށާއި އެތަނުން އައްސަދު އޭނާއާ ދިމާކުރި ނަމަވެސް އެކަކުވެސް ޖަހާފައި ނުވާ ކަމަށެވެ.
މުބީން ވިދާޅުވީ އައްސަދުގެ ގައިގާ ޖެއްސެވިނަމަ އެކަން ފެންނާނެ މީހުން ތިބޭނެ ކަމަށާއި ވިޑިއޯއާއި ފޮޓޯވެސް ހުންނަން ޖެހޭނެ ކަމަށެވެ.
މުބީން ވިދާޅުވީ އައްސަދު ހުރީ ގުރޫޕަކާވެސް އެކުގައި ކަމަށާއި އެހެންނަމަވެސް އޭނާވެސް ޖަހާފައި ނުވާ ކަމަށެވެ.
މުބީން ވިދާޅުވީ އައްސަދުގެ އުނދަގޫ މުބީންއަށް ވަރަށް ބޮޑަށް ފޯރާ ކަމަށާއި ފެންނަހާ ތާކުން ދިމާކުރާ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެފްއޭއެމަށްވެސް ހުށަހަޅުއްވާނެ ކަމަށް މުބީން ވިދާޅުވިއެވެ.