އިސްލާހަށް މަސައްކަތް ކުރުމަށް ގުޅުފައިވާ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުން މިލިއަން ޑޮލަރުން ރިޝްވަތު ހުށަހަޅަމުންދާކަމުގެ ތުހުމަތު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ތުހުމަތު ކުރެއްވީ އަދާލަތު ޕާޓީގެ ނައިބު ލީޑަރ އަދި މަޝްހޫރު ޤާނޫނީ ވަކީލް ޢަލީ ޒާހިރެވެ.
ޢަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަައަށް އެއްބާރުލުން ދެއްވުމަށް އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅަކު ވިދާޅުވި ނަމަވެސް އެއީ ރިޝްވަތު ދިނުން ކަމަށް ބުނެ ޕޮލިހަށް ހާޒިރުކޮށް ތަހުގީގް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ރިޝްވަތުގެ ގޮތުގައި މިލިއަނުން ޑޮލަރު ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އެއީ ރިޝްވަތު ކަމުގައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޢަލީ ޒާހިރު ވިދާޅުވީ މިނިވަން މުއައްސަސާތަކުން އެކަންކަން ބައްލަވަންޖެހޭ ކަމަށާއި ބައެއްގެ ނުފޫޒާއެކު ވަކި ގޮތަކަށް ކަންކުރައްވާ ބޭފުޅުންގެ މައްސަލަތައް ހުށަހެޅި އެ ކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
ސަރުކާރުގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައިވަނީ އެބޭފުޅުންގެ ގޭމް ޕްލޭން ބަދަލު ކުރައްވާނެ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ޢަލީ ޒާހިރު ވިދާޅުވީ އެވިދާޅުވާ ގޭމް ޕްލޭނަކީ 3 މެންބަރުންގެ ސޮއި އަނބުރާ ގެންނެވުން ކަމަށެވެ.
ތަފްސީލް ދެއްވަމުން ޢަލީ ޒާހިރު ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ކިތަންމެ ބޮޑު ޢަދަދެއް ދީގެން ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައި ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ނަން އަނބުރާ ނެންގެވުން ކަމަށާއި ނޫންނަމަ ވޯޓުދޭއިރު އެމެންބަރުން އެކަމަށް ވޯޓު ނުދެއްވުން ކަމަށެވެ.
އެހެން ނަމަވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވުމަށް ސޮއި ކުރައްވާފައިވާ މެންބަރުން ތިއްބެވީ އެއަށްވުރެ ވަރުގަދަ ޢަޒުމެއްގައި ކަމަށާއި އެމެންބަރުންގެ ވިސްނުން ބަދަލެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.
ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ މަސީހު ބޭރުކުރުމަށް 45 މެންބަރުން ސޮއި ކުރައްވާފައިވީ ނަމަވެސް ވޯޓު ނުދެއްވާނެ ކަމަށާއި އެވޯޓް މަސީހާ ދެކޮޅަށް ކާމިޔާބު ނުކުރެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން އެބައޮތް ކަމަށެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނީ ސޮއި ކުރައްވާފައިވާ މެންބަރުން އެގޮތުގައި ތިއްބަވާނެ ކަމަށާއި އޭގެ އިތުރުން ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ސޮއި ނުކުރައްވާ މެންބަރުންގެ ތެރެއިންވެސް އިތުރު ގިނަ މެންބަރުން އެވޯޓުގައި އިދިކޮޅު ފަރާތްތަކާ ގުޅި މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.
މަސީހާ ދެކޮޅަށް ސޮއިކުރައްވާފައިވާ ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންދަވަނީ އެޕާޓީންވެސް ވަކިވެވަޑައިގަންނަވަމުންނެވެ.